ގާނޫނާއި ގަވާއިދާ ހިލާފަށް މޯލްޑިވްސް މީޑިއާ ކައުންސިލް ]އެމްއެމްސީ[ގެ މެންބަރުން ލިވިން އެލަވަންސްގެ ގޮތުގައި 900،000 ރުފިޔާ ނަގާފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އެމްއެމްސީގެ މިދިޔަ އަހަރާއި މި އަހަރުގެ މާލީކަންކަން ބެލުމަށް ފަހު އޮޑިޓް އޮފީހުން މިއަދު އާންމު ކުރި އަށް ސަފުހާގެ ރިޕޯޓެއްގައި ބުނެފައި ވަނީ، 15 މެންބަރުންގެ ކައުންސިލުން، ގާނޫނާއި ގަވާއިދާ ހިލާފަށް ނުވަ ލައްކަ ރުފިޔާ ނަގާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށް ކަމަށެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު އެ ކައުންސިލްގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަށް ފަހު، ރައީސްގެ މުސާރަ 8000ރ. އަށް ބޮޑުކޮށް، ނާއިބު ރައީސްގެ މުސާރަ 6،500ރ. އަށް ބޮޑުކޮށް، އަދި އާންމު މެންބަރުންގެ މުސާރަ 5،000ރ. އަށް ބޮޑުކޮށްފައި ވަނިކޮށް، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ރައީސާ ނާއިބު ރައީސާއި އަދި ކޮންމެ މެންބަރަކު މުސާރައިގެ އިތުރުން މަހަކު 7500ރ. ނަގާފައިވާ ކަމަށެވެ.

އެ ފައިސާ އެބޯޑުގެ މެންބަރުން ނަގަމުން ގެންގޮސްފައި ވަނީ އެ ކައުންސިލްގެ ރައީސް މުހައްމަދު ނަޒީފު ސޮއިކުރައްވައި މި އަހަރުގެ ޖެނުއަރީ 20ގައި ނެރެފައިވާ އިންޓަނަލް މެމޯއަކާ ގުޅިގެން ކަމަށް ވެސް އޮޑިޓް އޮފީހުން ބުނެފައިވެ އެވެ.

އޮޑިޓް އޮފީހުން ބުނެފައިވާ ގޮތުގައި މީޑިއާ ކައުންސިލުގެ މެންބަރުން އެ ފައިސާ ނަގާފައި ވަނީ އެންޓި ކޮރޮޕްޝަން ކޮމިޝަނުން އެ ފައިސާ ނުނެގުމަށް އަންގާފައި ވަނިކޮށް ކަމަށް އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ.

"ފެބްރުއަރީ 20ގައި މީޑިއާ ކައުންސިލުން ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމެއްގައި އެ ފައިސާ ދިނުން ހުއްޓާ ލުމަށް އޭސީސީން އަންގާފައިވާ ސިޓީއަށް އަމަލު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ނިންމައި އަލުން އެ އެލަވަންސްތައް ދޭން ފެށި ކަން ލިޔެކިޔުންތަކުން ދައްކާ،" އޮޑިޓް ރިޕޯޓްގައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އެ އެލަވަންސްތައް ދިނުން ހުއްޓާލުމަށް ފެބްރުއަރީ20ގައި ދެވަނަ ފަހަރަށް އެކައުންސިލަށް އޭސީސީން އެންގުމުން ޖެނުއަރީ މަހާއި ފެބްރުއަރީ މަހު އެލަވަންސްގެ ގޮތުގައި މެންބަރުންނަށް ދީފައިވާ ފައިސާ މި އަހަރުގެ އޮގަސްޓް31،ގެ ކުރިން އެކައުންސިލަށް އަނބުރާ ޖަމާކުރުމަށް މެއި 30، 2011ގައި ކައުންސިލްގެ ހުރިހާ މެންބަރުންނަށް އެކައުންސިލުން އަންގާފައިވާ ކަމަށެވެ.

އޮޑިޓް އޮފީހުން ބުނީ އެ ކައުންސިލްގެ މެންބަރުންނަށް ދެމުން އައި އެލަވަންސް ހުއްޓާލާފައި އޮތުމަށް ފަހު އޮގަސްޓް މަހުގެ މުސާރައާ އެކު ހަ މަސް ދުވަހުގެ އެލަވަންސް ފައިސާ އެއްފަހަރާ ގަނޑުކޮށްދީފައިވާ ކަމަށެވެ.

މީޑިއާ ކައުންސިލްގެ ގާނޫނުގެ 19 ވަނަ މާއްދާގެ ހ.ގައި ބުނަނީ ކައުންސިލްގެ ރައީސާއި ނައިބް ރައީސާއި މެންބަރުންނަށް ދެވޭ އުޒޫރަ އާއި އެހެނިހެން މާލީ އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

ކައުންސިލްގެ އާމްދަނީއާއި ހަރަދާއި މިލްކިއްޔާތާއި މާލީ ޒިންމާތަކާއި ބެހޭ ހިސާބުތައް އިންޓަނޭޝަނަލް ޕަބްލިކް ސެކްޓާ އެކައުންޓިންގެ ސްޓޭންޑަޑް ބޯޑުން ނެރެ ޝާއިއުކޮށްފައިވާ ގަވާއިދުތަކާ އެއްގޮތަށް ކައުންސިލްގެ މާލީ ހިސާބުތައް ބެލެހެއްޓުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ އެކައުންސިލަށް ލަފާ ވެސް ދީފަ އެވެ.