23 Dec 2018, 16:02
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އިން ކަނޑައަޅާފައިވާ ޓެކްސީ ކުރުމުގެ އަގުތަކާ ހިލާފަށް ބައެއް ޓެކްސީ ޑްރައިވަރުން އަގު ނަގާކަމުގެ ޝަކުވާ ލިބެމުން އަންނާތީވެ، ގަވައިދާ ހިލާފުވޭތޯ ބެލުމަށް ޓެކްސީތައް ހުއްޓުވައި ސުވާލު ކުރުމަށް ފުލުހުން ނިންމައިފި އެވެ.
ޓްރެފިކް ޕޮލިހުން ބުނެފައި ވަނީ މިކަންތައް ބެލުމަށް ޓަކައި ޓެކްސީތައް މަގުމަތިން ހުއްޓުވައި އެ ޓެކްސީއަކުން ދަތުރުކުރާ ފަސިންޖަރުންނާއި ސުވާލުކޮށް، ނަގާ އަގާ ބެހޭ ގޮތުން ސުވާލުކުރަން ނިންމައިފަ އެވެ.
އަދި، ގަވައިދާ ހިލާފަށް އަގު ނަގާ ޓެކްސީތަކާއި ޑްރައިވަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ބްރިޖު ހުޅުވުމަށް ފަހު އޭރު ޓްރާންސްޕޯޓު އޮތޯރިޓީ އިން ކަނޑައެޅި އަގުތަކަކީ މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކޮޅަކަށް 40 ރުފިޔާ އެވެ. އަދި ދެ ރަށުން ވެސް ހުޅުލެއަށް ދަތުރުކުރުމަށް ކޮޅަކަށް 35 ރުފިޔާ އެވެ.
މާލެ އަދި ހުޅުމާލޭގެ އެތެރޭގައި ކުރިއެކޭ އެއްފަދައިން 25 ރުފިޔާ އެވެ. ޑިކީއަށް ދާގީނާ ލާ ނަމަ އަދި ރޭގަނޑު 12ގެ ފަހުން ދަތުރު ކުރާ ނަމަ އިތުރު ފަސް ރުފިޔާ ނެގިދާނެ ކަމަށް ވެ އެވެ.
ނަމަވެސް ޓެކްސީތަކުން ބްރިޖުމަތިން ކުރާ ކޮންމެ ދަތުރަކަށް 100 ރުފިޔާ ނަގަ އެވެ. ހުޅުލެއަށް ކުރާ ދަތުރަކަށް ވިޔަސް، ހުޅުމާލެ އަދި މާލެއަށް ކުރާ ދަތުރަކަށް ވިޔަސް ބްރިޖު ނުވަތަ ހައިވޭ ހުރަސްކުރާ ނަމަ 100 ރުފިޔާ ނަގަ އެވެ.
ސިނަމާލެ ބްރިޖު މަތިން ދަތުރުކުރާ ޓެކްސީތަކުން ބޮޑު އަގު ނަގާ މައްސަލަ ޓްރާންސްޕޯޓުން އޮތޯރިޓީ އިން އަމިއްލައަށް ތަޖުރިބާކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ.