ޖަކާޓާ (ޑިސެމްބަރު 23): އިންޑޮނޭޝިއާގެ އަލިފާން ފަރުބަދައެއް ގޮވައި، ބައެއް ސަރަހައްދުތަކަށް އެރި ސުނާމީގެ ސަބަބުން މަރުވި މީހުންގެ އަދަދު 168 އަށް އަރައިފި އެވެ.

ޖާވާ އާއި ސުމަތުރާގެ އައްސޭރިފަށުގައި އޮންނަ ސެރަންގް، ޕަންޑެގްލަންގް އަދި ސައުތް ލަމްޕަންގަށް ރޭ އެސުނާމީ އަރާފައި ވަނީ އެއްވެސް އިންޒާރަކާ ނުލައި ކަމަށް އިންޑޮނޭޝިއާގެ މީޓިއޮރޮލޮޖިކަލް އޭޖެންސީން ބުންޏެވެ.

އެއޭޖެންސީން ލަފާ ކުރާ ގޮތުގައި ސުނާމީ އެރީ ޖާވާ އާއި ސުމަތުރާގެ މެދުގައި އޮންނަ ރަށެއްގެ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުންނެވެ. އެއޭޖެންސީން ބުނި ގޮތުގައި އަލިފާން ފަރުބަދަ ގޮވީ ރޭ 21:03ގަ އެވެ. އަދި ސުނާމީ އެރީ އޭގެ 24 މިނިޓު ފަހުންނެވެ.

އިންޑޮނޭޝިއާގެ ޑިޒާސްޓާ މެނޭޖްމެންޓު އޭޖެންސީން ވަނީ އިތުރު ސުނާމީއެއް އަރާފާނެތީ ރައްޔިތުން ރަށުގެ އައްސޭރިފަށާ ކައިރިއަށް ނުދިޔުމަށް އެދިފަ އެވެ.

އެގައުމުގެ ނެޝަނަލް ޑިޒާސްޓާ މިޓިގޭޝަން އޭޖެންސީގެ ވެރިޔާ ސުޓޮޕޯ ޕުރޮވޯ ނުގުރޮހޯ ވަނީ ސުނާމީގެ ސަބަބުން އަނިޔާވި މީހުންގެ އަދަދު މިހާރު 745 އަށް އަރާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ހާދިސާގައި 558 ގެޔަކަށާއި ނުވަ ހޮޓަލަކަށާއި 60 ރެސްޓޯރެންޓަށާއި 350 ބޯޓަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އިންޑޮނޭޝިއާގެ ސުލަވެސީއަށް އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން އެސަރަހައްދަށް ސުނާމީ އަރައި، 2،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.