ރަސްފަންނާ ދިމާލުން އައިޖީއެމްއެޗް ހޮސްޕިޓަލާ އިންވެގެން ބަންދުކޮށްފައި އޮންނަ ސަރަހައްދު ހުޅުވާލަން ސަރުކާރުން ނިންމައިފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ ކޮރަލް ބޮލްވާޑް އެޕާޓްމެންޓުތައް އަޅަން ދޫކޮށްފައިވާ ސަރަަހައްދުން ބަންދުކޮށްފައިވާ މަގުހުޅުވާލަން ނިންމީ އިއްޔެ ޓްރާންސްޕޯޓު މިނިސްޓްރީ އިން މާލޭގެ މަގުތަކުގެ ހާލަތު ބެލުމަށް ފަހު ކަމަށެވެ.

"އެ ސަރަހައްދުގައި ބަންދުކޮށްފައި އޮންނަ މަގުގައި އެއްވެސް މަސައްކަތެއް ނުކުރޭ. އެހެންވީމާ މިހާރު ނިންމާފައިވަނީ އެ މަގުން ބަންދުކޮށްފައި އޮންނަ ސަރަހައްދު ހުޅުވާލަން. އެތަން ހުޅުވާލއިގެން ރިންގު ރޯޑުވެސް ފުރިހަމަވާނީ" އޮފިޝަލު ވިދާޅުވިއެވެ.

ރަސްފަންނާ ދިމާލުން ބަންދުކޮށްފައިވާ ސަރަހައްދު -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ޓްރާންސްޕޯޓުން ބުނީ ރަސްފަންނާ ދިމާލުން ބޮޑުތަކުރުފާނު މަގުން ބަންދުކޮށްފައިވާ ސަރަހައްދު ހުޅުވާލުމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލާ އެކު މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ.

"މަޝްވަރާތަކަށް ފަހު އަންނަ ހަފްތާގައި މަގު ހުޅުވޭނެ ކަމަށް ލަފާކުރެވެނީ،"

ބޮޑުތަކުރުފާނު މަގުން ރަސްފަންނާ ވީ ދިމާލުން ބޮޑު ބައެއް ބަންދުކޮށްފައިވަނީ 'ކޮރަލް ބޮލެވާޑް' މިކްސްޑް ޑިވެލޮޕްމެންޓް ޕްރޮޕަޓީގެ 28 ބުރީގެ ހަތަރު އިމާރާތުގެ މަސައްކަތް ކުރުމަށެވެ.

މާލެ ވަށައިގެން ދުއްވޭނެހެން ރިންގް ރޯޑު ހެދުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.