ސިނަމާލެ ބްރިޖު މަތިން ދަތުރުކުރާ ޓެކްސީތަކުން ބޮޑު އަގު ނަގާ މައްސަލަ ޓްރާންސްޕޯޓުން އޮތޯރިޓީއިން އަމިއްލައަށް ތަޖުރިބާކުރަން ނިންމާފައިވާކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީއިން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑުއަގުތަކެއް ޓެކްސީތަކުން ނަގާ ޝަކުވާއަކީ ބްރިޖު ހުޅުވުނީއްސުރެ ފެންމަތިވެފައިވާ ޝަކުވާއެކެވެ.

ބްރިޖު ހުޅުވުމަށްފަހު އޭރު ޓްރާންސްޕޯޓު އޮތޯރިޓީއިން ކަނޑައެޅި އަގުތަކަކީ މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކޮޅަކަށް 40 ރުފިޔާއެވެ. އަދި ދެ ރަށުންވެސް ހުޅުލެއަށް ދަތުރުކުރުމަށް ކޮޅަކަށް 35 ރުފިޔާއެވެ.

މާލެ އަދި ހުޅުމާލޭގެ އެތެރޭގައި ކުރިއެކޭ އެއްފަދައިން 25 ރުފިޔާ އެވެ. ޑިކީއަށް ދާގީނާ ލާނަމަ އަދި ރޭގަނޑު 12ގެ ފަހުން ދަތުރު ކުރާނަމަ އިތުރު ފަސް ރުފިޔާ ނެގިދާނެ ކަމަށް ވެއެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް ޓެކްސީތަކުން ބްރިުމަތިން ކުރާ ކޮންމެ ދަތުރަކަށް 100 ރުފިޔާ ނަގައެވެ. ހުޅުލެއަށް ކުރާ ދަތުރަކަށްވިޔަސް، ހުޅުމާލެ އަދި މާލެއަށް ކުރާ ދަތުރަކަށްވިޔަސް ބްރިޖު ނުވަތަ ހައިވޭ ހުރަސްކުރާނަމަ 100 ރުފިޔާ ނަގައެވެ.

މި ޝަކުވާ އަކީ ހައްލެއް ނުލިބި އޮތް ޝަކުވާ އަކަށްވާއިރު މިކަމަށް ހައްލު ގެނައުމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން އަޅާނެ ފިޔަވަޅަކާ ގުޅޭގޮތުން "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ މިހާރު ނިންމާފައިވަނީ އެކަން އަމިއްލައަށް ތަޖުރިބާ ކުރުމަށްފަހު، ގަވައިދާ ހިލާފުވާ ޓެކްސީތަކާމެދު ފިޔަވަޅު އަޅަން ކަމަށެވެ. ނަމަވެސް އެކަން ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ.

ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ އަގަށްވުރެ އަގުބޮޑުކޮށް ދަތުރުކުރާނަމަ އެ ޓެކްސީއެއްގެ މައުލޫމާތު ރިޕޯޓުކުރުމަށް ޓްރާންސްޕޯޓު އޮތޯރިޓީއިން ވަނީ އެދިފައެވެ. އަދި އެ އޮތޯރިޓީން ކަނޑައަޅާފައިވާ އަގުތަކަކީ ޓެކްސީ ސެންޓަރުތަކާ މަޝްވަރާ ކުރުމަށްފަހު ކަނޑައެޅި އަގުތަކެއް ކަމަށާއި ބޮޑުއަގުގައި ދަތުރުކުރާނަމަ ޓެކްސީ ހުއްދަ ބާތިލު ކުރާނެކަމަށްވެސް ވަނީ ބުނެފައެވެ.

ދާދި ފަހުންވެސް ވަނީ ހުޅުލެއިން މާލެއަށް ދަތުރުކުރި ޓެކްސީއަކުން ބޮޑު އަގު ނަގާތީ ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގެއް ދޭން ދެކޮޅުހެދި ފަސިންޖަރަކު މަގުމައްޗަށް ބާލާފައި ޓެކްސީ ޑްރައިވަރު ދިޔަ މައްސަލައެއް ފެންމަތިވެފައެވެ. ޓްރާންސްޕޯޓުން ބުނެފައިވަނީ މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅާނެ ކަމަށެވެ.