02 Oct 2011, 16:31
އަށާރަ މިލިއަން ރުފިޔާގެ ކޮރަޕްޝަން މައްސަލައެއްގެ ތުހުމަތުގައި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓާ )ޑީއެމްސީ( އަށް ފުލުހުންގެ ތަހުގީގު ޓީމެއް މިއަދު ވަދެ، ބައެއް ލިޔެކިޔުންތައް ގެންގޮސްފި އެވެ.
ޑީއެމްސީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޒަކީ މިއަދު ވިދާޅުވީ ފުލުހުން މިއަދު އެތަނަށް ވަނީ މި އަހަރު ލ. އަތޮޅު ގަމުގައި ހިންގި ޕްރޮޖެކްޓެއްގެ ޕޭމަންޓްގެ މައްސަލައެއް ތަހުގީގު ކުރުމަށް ކަމަށެވެ. އަދި އެ މައްސަލައަކީ 18 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށާއި އެ ޕްރޮޖެކްޓަށް ދޭން ޖެހޭ ޕޭމަންޓުގެ މައްސަލާގައި ބައެއް ލިޔެކިޔުންތައް ފުލުހުން ގެންދިޔަ ކަމަށް އޭނާ ޔަގީންކޮށްދެއްވި އެވެ.
"..ހަދާފައި ހުރި ޕޭމަންޓްތަކެއްގެ މައްސަލަ ހުރި ކަމަށް ބުނެ، ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ތަހުގީގީ ޓީމެއް މިތަނަށް ވަނީ. އެބޭފުޅުން ލިޔެކިޔުންތައް ބެއްލެވި. އަޅުގަނޑުގެ ކެބިން ވެސް ބެއްލެވި އެ ބޭފުޅުން. ލިޔެކިޔުންތަކެއް ގެންދެވި،" އަހުމަދު ޒަކީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެތަނުން އެއްވެސް ކަމެއް" ކޮށްފައި ނުވާނެ ކަމަށާއި ހުރިހާ ލިޔެކިޔުންތަކެއް ހުންނާނީ ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ޒަކީ ވިދާޅުވީ ފުލުހުން ބައެއް ލިޔެކިއުންތައް ގެންދެވުމަށް ފަހު، އަދި ހޯދަން ޖެހޭ އިތުރު މައުލޫމާތު ހޯދުމަށް އަންނާނެ ކަމަށް ފުލުހުން ބުނި ކަމަށެވެ.
ނަމަވެސް ކޮރަޕްޝަންގެ މައްސަލައެއްގައި ޑީއެމްސީ އަށް ފުލުހުންގެ ތަހުގީގު ޓީމެއް ވަން ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގު ކުރެ އެވެ. ފުލުހުންގެ މީޑީއާ އޮފިޝަލް އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ ޑީއެމްސީ އަށް ފުލުހުން ވަނީ އެތަނަށް ބަޔަކު ވަދެގެން އުޅޭތީ ކަމަށެވެ.
ނަމަވެސް ސަންގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔަ އިރު، އެތަނުގައި އެއްވެސް ހަމަނުޖެހުމެއް ނުހިގަ އެވެ. އަދި މަދު ބަޔަކު ޑީސީއެމްގެ ކުރި މަތީގައި ތިއްބެވެ.