މެނީލާ (ޑިސެމްބަރު 23): އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް ވަނީ 10 އަހަރުވަންދެން ފިލިޕީންސްގެ ކުއްޖަކު ސްޕޮންސާކޮށްފައި ކަމަށް، އެގައުމުގެ މީޑިއާތަކުން ވަނީ ދާދި ފަހުން ރިޕޯޓުކޮށްފަ އެވެ.

މިހާރު 25 އަހަރުވެފައިވާ ޓިމޮތީ ވިލަލްބާ ބުނި ގޮތުގައި އޭނާ ސްޕޮންސާ ކުރީ ބުޝްކަން ގިނަ އަހަރުތަކެއް ވަންދެން ނޭނގުނު ނަމަވެސް، އޭނާ "އުފާވެރި، ކާމިޔާބު" މީހަކަށް ވުމަށް މަގުފަހިވީ އެސްޕޮންސާޝިޕްގެ ސަބަބުންނެވެ.

މިމަހުގެ އެއް ވަނަ ދުވަހު އަވަހާރަވި ބުޝް، ވިލަލްބާއަށް އެހީ ފޯރުކޮށްދެއްވީ ކްރިސްޓިއަން ޗެރިޓީއެއް ކަމަށްވާ ކޮމްޕެޝަން އިންޓަނޭޝަނަލް މެދުވެރިކޮށެވެ.

އެޖަމްއިއްޔާ އަކީ ސްޕޮންސާ ކުރާ ފަރާތްތަކުން ދޭ ފައިސާ އިން ފަގީރު ކުދިންނަށް ސިއްހީ ފަރުވާ އާއި ތައުލީމު ހާސިލު ކުރުމަށް ބޭނުންވާ އެހީ ފޯރުކޮށްދޭ ޖަމްއިއްޔާއެކެވެ. އަދި ސްޕޮންސާ ކުރާ ފަރާތްތަކުން، އެހީ ލިބޭ ކުއްޖާއަށް ސިޓީ މެދުވެރިކޮށް ވާހަކަ ދެއްކޭނެ ގޮތް ވެސް ވަނީ ހަދާފަ އެވެ.

ވިލަލްބާ ވަނީ ކާމިޔާބީއަށް މަގު ފަހިވީ ސްޕޮންސާޝިޕްގެ ސަބަބުން ކަމަށް ބުނެފަ -- ފޮޓޯ: ވިލަލްބާ

އެގޮތުން ވިލަލްބާއަށް ބުޝް ލިޔުއްވި ބައެއް ސިޓީތައް ކޮމްޕެޝަން އިންޓަނޭޝަނަލްއިން ވަނީ އާއްމުކޮށްފަ އެވެ. އެސިޓީތަކުގައި ބުޝް ވަނީ އޭނާއަކީ 77 އަހަރުގެ މީހެއް ކަމަށާއި، ވިލަލްބާއާ ސިޓީ ބަދަލުކޮށް، އެކުވެރިންނަަށް ވާން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

ވިލަލްބާއަށް އެޖަމްއިއްޔާ އިން އެހީ ލިބެން ފެށީ ހަތް އަހަރުގަ އެވެ. އަދި އެޖަމްއިއްޔާ އިން ވަކިވީ 17 އަހަރުގަ އެވެ. ވިލަލްބާ ބުނި ގޮތުގައި އޭނާ 10 އަހަރު ވަންދެން ސްޕޮންސާ ކުރީ އެމެރިކާގެ ކުރީގެ ރައީސެއްކަން އެނގުނީ އޭރު އެވެ.

"އެހުރިހާ ކުދިންގެ ތެރެއިން ވެސް (ބުޝް) ނިންމެވީ އަހަންނަށް އެހީވާން. އެއީ ރައީސެއްކަން އެނގުމުން ލިބުނީ ބޮޑު ޝޮކެއް. އަހަރެންގެ އިހުސާސުތައް ބަޔާންކޮށްދޭން ވެސް އުނދަގޫވޭ،" ވިލަލްބާ ބުންޏެވެ.

ވިލަލްބާ މިހާރު މަސައްކަތް ކުރަނީ އޭނާ ދިރިއުޅޭ އަވަށުގައި ހުންނަ ސަރުކާރުގެ އޮފީހެއްގެ ސެކްރެޓަރީއެއްގެ ގޮތުގައި އެވެ. އަދި ރޭގަނޑު ލަވަކިޔުންތެރިޔަކާ އެކު ގިޓާ ފަދަ މިއުޒިކާ ގުޅުން ހުރި ކަމެއްގައި ބައިވެރިވެ އެވެ.

"އަހަރެންގެ ކައިވެންޏަށް ދެ އަހަރުވެއްޖެ. އަހަރެންގެ އަންހެން ދަރިއަކު އެބަހުރި. އަހަރެންގެ ވަޒީފާއެއް އެބަ އޮތް. އަހަރެން ދެކޭ ގޮތުގައި، އަހަންނަކީ ކާމިޔާބު އަދި އުފާވެރި މީހެއް،" ވިލަލްބާ ބުންޏެވެ.

ނަމަވެސް ވިލަލްބާ ވަނީ އޭނާ ހިތާމަ ކުރާ އެއް ކަމަކީ، އޭނާގެ "ސިއްރު އެކުވެރިޔާ" އަވަހާރަވުމުގެ ކުރިން ބައްދަލު ކުރުމުގެ ފުރުސަތު ނުލިބުން ކަމަށް ބުނެފަ އެވެ.

އަދި އޭނާގެ ވާހަކައިގެ ސަބަބުން، އެހެން މީހުންނަށް ވެސް އެހީ ބޭނުންވާ ކުޑަކުދިންނަށް އެހީ ފޯރުކޮށްދިނުމަށް ހިތްވަރު ލިބިގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފަ އެވެ.