ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމަށް ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ މަގާމަށް ރައީސް ސޯލިހް އައްޔަން ކުރެއްވީ މ. ސުހްރާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)ކަމަށެވެ. އޭނާއަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެކެވެ.

ކުރިން އެ މަގާމުގައި ހުންނެވި، މުހައްމަދު އަންވަރު މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް އަންވަރު އައްޔަން ކުރެވުނީ ނިމިދިޔަ، ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި 2015 ވަނަ އަހަރު ޖެނުއަރީ މަހު އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އަންވަރު އިސްތިއުފާގެ ސިޓީ މިއަދު ރައީސް އަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެކަން ރައީސް ސޯލިހް ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.

އާ އިމިގްރޭޝަން ކޮންޓްރޯލަރަކަށް ހަމަޖައްސާނީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ފަޔާޒް (އެފްއޭ) ކަމަށް މީގެ ކުރިން ސޯޝަލް މީޑިއާގައި ވަނީ އަޑު ފެތުރިފައެވެ.