23 Dec 2018, 12:06
ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާފުޅި ތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި، ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުންނާއި އަދި އިންޓެލިޖެންސް ގުޅިގެންހިންގި މި އޮޕަރޭޝަންގައި 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަން ހިންގައިފައިވަނީ، ސަފާރީއަކުން ހުޅުމާލެއަށް ބަނގުރާ އެތެރެކުރަންއުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެންނެވެ.
ބަނގުރާފުޅިތަކާއެކު ހައްޔަރުކުރެވުނު މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ ދުއްވަމުންދިޔަ ކާރު ބަލައިފާސްކުރިއިރު، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 33 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.