އޫރުން ތައްޔާރުކޮށްފައިވާ "ޖެލެޓިން ޕޯސައިން" އެކުލެވޭ އުފެއްދުމެއް ރާއްޖޭގެ ބާޒާރުގައި ހުރިތޯ ބެލުމުގެ މަސައްކަތް ފަށައިފިއެވެ.

ކަސްޓަމްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖެލެޓިން ޕޯސައިން އެކުލެވޭ އުފެއްދުމެއް ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާކަމަށް ސޯޝަލް މީޑިއާ އާއި ނިއުސް މީޑިއާ ގައި ހަބަރު ފަތުރަމުންދާތީ، އެކަން ބަލަމުންދާ ކަމަށެވެ.

އޫރު އެކުލެވޭ އުފެއްދުމަކަށް ރާއްޖެ އެތެރެކޮށް ވިއްކަމުންދަނީ ޖެލިޓާ ބްރޭންޑުގެ ޖެލެޓިން ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

މި އުފެއްދުން އެތެރެކޮށްފައިވާނެ ކަމަށް ބެލެވޭ ވިޔަފާރިތައް އިންސްޕެކްޓު ކުރަމުންދާ ކަމަށާއި މައްސަލަ ބަލަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ގުޅިގެން ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވާހަކަތަކުން އެނގޭ ގޮތުގައި މި އުފެއްދުން ރާއްޖޭގައި ވިއްކާފައިވަނީ މީގެ މަހެއްހައި ދުވަސް ކުރިންނެވެ. އަދި މި އުފެއްދުމުގައި "ހަލާލް" ލޯގޯ ޖަހާފައި ނުވާ ކަމަށްވެސް ވެއެވެ.