23 Dec 2018, 10:38
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ކޮންޓްރޯލަރގެ މަގާމުގައި ހުންނެވި އަހްމަދު އަންވަރު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އަންވަރު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވާފައިވާ ކަން "ސަން" އަށް ވަނީ ކަށަވަރުވެފައެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި، އަންވަރު މިއަދު ވަނީ އިސްތިއުފާގެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ފޮނުއްވައިފައެވެ.
މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް، އިމިގްރޭޝަން ކޮންޓްރޯލަރގެ މަގާމަށް އަންވަރު އައްޔަން ކުރެވުނީ ނިމިދިޔަ، ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި 2015 ވަނަ އަހަރު ޖެނުއަރީ މަހު އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި، އަންވަރަކީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ވެސް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އާ އިމިގްރޭޝަން ކޮންޓްރޯލަރަކަށް ދެން ހަމަޖައްސާނީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ފަޔާޒް (އެފްއޭ) ކަމަށް މީގެ ކުރިން ސޯޝަލް މީޑިއާގައި ވަނީ އަޑު ފެތުރިފައެވެ.