އދ. މަޖިލިސް (އޮކްޓޯބަރ 2) : އދ. ގެ ފުރިހަމަ މެންބަރު ކަމަށްއެދި ފަލަސްތީނުން ހުށަހަޅާފައިވާ މައްސަލަކަމާބެހޭ ޤާނޫނީ ކޮމިޓީން ބަލައި ދިރާސާކުރަން ފަށައިފިއެވެ.

އދ. ގައި ހުންނަވާ ފަލަސްތީނުގެ މަންދޫބު ރިޔާޒް އަލްމާލިކީ ވިދާޅުވީ އދ. ގެ ފުރިހަމަ މެންބަރު ކަމަށްއެދި ފަލަސްތީނުން ހުށަހަޅާފައިވާ މައްސަލައިގެ ޤާނޫނީ ޙައިޘިއްޔަތު ބެލުމަށްޓަކައި ކަމާބެހޭ ޤާނޫނީ ކޮމިޓީގެ ބައްދަލުވުމެއް އިއްޔެ ބާއްވާފައިވާ ކަމުގައެވެ. ސަލާމަތީ މަޖިލީހުގެ ރައީސް ލުބްނާނުގެ މަންދޫބު ނުއްވާފް ސަލާމް މިދިޔަ ހަފްތާގައި ވިދާޅުވެފައިވަނީ މަޖިލީހުގެ މެންބަރުން އަޣްލަބިއްޔަތުން މިމައްސަލަ ކަމާބެހޭ ޤާނޫނީ ކޮމިޓީ އަށް ފޮނުވުމަށް ނިންމައި އެކަން ކުރިޔަށްދާ ކަމުގައެވެ.

އދ. ގެ މެންބަރުކަމަށް އެދި ހުށަހަޅާ ދައުލަތަކަށް މެންބަރުކަން ދިނުމުގެ މައްސަލާގައި ސަލާމަތީ މަޖިލީހުން ވޯޓަކަށް ދާނީ މެންބަރުކަން ދިނުމުގެ މައްސަލަ ޤާނޫނީ ގޮތުން ބަލައި ދިރާސާ ކުރާ ކޮމިޓީން މިކަން ބެލުމަށްފަހުގައެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާބެހޭ ތަޖްރިބާކާރުންގެ މިކޮމިޓީގައި 15 ތަޖްރިބާކާރުން ތިއްބަވާއިރު މިކޮމިޓީން މައްސަލައެއް ނިންމުމަށް ބޭނުންވަނީ އެންމެ 8 ވޯޓުގެ އަޣްލަބިއްޔަތެކެވެ. މިއަޣްލަބިއްޔަތު ފަލަސްތީނުގެ މައްސަލައަށް ތާއީދުކޮށްލިބި އެމައްސަލަ އަނބުރައި ސަލާމަތީ މަޖިލީހަށް ވަރަށް އަވަހަށް ފޮނުވާލާނެކަމަށް އުންމީދު ކުރައްވާ ކަމަށް އދ. ގައި ހުންނަވާ ފަލަސްތީނުގެ މަންދޫބު ރިޔާޒް އަލްމާލިކީ ވިދާޅުވިއެވެ. ޤާނޫނީ ކޮމިޓީގެ މެންބަރުން ބޭނުންނަމަ މިމައްސަލަ ދެތިންމަސްދުވަހަށް ދިގުދެންމިދާނެކަމަށް ޑިޕްލޮމޭޓުން ވިދާޅުވެއެވެ.

އެމެރިކާ ގެންދަނީ ވީޓޯ ނުކޮށް ފަލަސްތީނުގެ ދައުލަތުގެ މައްސަލަ ސަލާމަތީ މަޖިލީހުން ބޭރުކޮށްލެވެތޯ އެމަޖިލީހުގެ މެންބަރު ޤައުމުތަކަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. އެއީ ވީޓޯކުރުމަކީ އެމެރިކާ ދުނިޔޭގައި އެކަހެރިވެ ސަލާމަތީ މަޖިލީހުގައި ޚުދުމުޚްތާރު އުސޫލުން ކަންތައްކުރާ ޤައުމެއްގެ ގޮތުގައާއި ފަލަސްތީނުގެ ޙައްޤަށް ހުރަސްއަޅާ ހަރުކަށި ޤައުމެއްގެ ގޮތުގައި މިހާރަށްވުރެވެސް ބޮޑަށް އެމެރިކާ ދުނިޔޭގައި ސިފަވެގެން ދާނެތީއެވެ.

އެމެރިކާ ވީޓޯ ނުކުރާނަމަ ފަލަސްތީނުގެ ދައުލަތަށް މެންބަރުކަން ދިނުމަށް ބޭނުންވަނީ ސަލާމަތީ މަޖިލީހުގެ އެންމެ 8 މެންބަރުންގެ ތާއީދެވެ. މި 8 މެންބަރުންގެ ތެރެއިންބްރަޒީލް، ރަޝިޔާ، އިންޑިޔާ، ޗައިނާ،ދެކުނު އެފްރިކާ އަދި ލުބްނާން ގެ ތާއީދު މިހާރުވަނީ ގެރެންޓީވެފައެވެ. ސަލާމަތީ މަޖިލީހުގައި ހިމެނޭ ނައިޖީރިޔާއާއި ގެބޯން އަދި ބޮސްނިޔާ އަށް އެމެރިކާގެ ފިއްތުންތައް ކުރިމަތިވެފައިވާތީ މިތިން ޤައުމުން ވޯޓުދޭނެ ގޮތެއް އަދިވަނީ ނޭންގުމެއްގެ ތެރޭގައެވެ.

މި 3 ޤައުމުންވެސް ކުރިންވަނީ ފަލަސްތީނަށް ތާއީދުކުރާނެ ކަމަށް ބުނެފައެވެ.މި 3 ޤައުމަކީ އިސްލާމީ 3 ޤައުމު ކަމަށްވިޔަސް މިއީ އެމެރިކާއަށް ވަރަށް ބަރޯސާކުރާ 3 ޤައުމުކަމަށްވާތީ ފަލަސްތީނާ ދެކޮޅަށް ވޯޓު ދިނުމުގެ ބަދަލުގައި އެމެރިކާ ރުއްސުމަށްޓަކައި ވަކިއަތަކަށް ވޯޓު ނުދިނުމަކީ މި 3 ޤައުމުން ޢަމަލުކޮށްފާނެ ގޮތެއް ކަމަށް މުރާސިލުން ބުނެއެވެ. މިހެންވެއްޖެނަމަ ވީޓޯ ކުރުމަކާ ނުލައި މިމައްސަލަ ސަމަލާމަތީ މަޖިލިހުން ބޭރުކޮށްލުމަށް އެމެރިކާއަށް ފުރްސަތު ލިބިގެންދާނެއެވެ.

ފަލަސްތީނުންނާއި ޢަރަބި ޤައުމުތަކުން ގެންދަނީ މިތިން ޤައުމަށް އަމާޒުކޮށް ކޭންޕޭން ޙަރަކާތްތަކެއް ހިންގަމުންނެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)