22 Dec 2018, 19:37
އިންޑިއާ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު ގޯވާގެ ބީޗެއްގައި އިނގިރޭސި ފަތުރުވެރިއަކު ރޭޕްކުރި މައްސަލަ ބަލަން ފަށައިފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި 31 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
ގޯވާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން އަންހެން މީހާ ރޭޕްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެރޭ އޭނާ ހުންނަ ހޮޓަލަށް ދިއުމުގެ މަގުމަތީގައެވެ.
"އަންހެން މީހާ ގަދަކަމުން ގަސްތަކު ތެރެއަށް ވައްދާފައި ރޭޕްކުރީ. އޭނާގެ ދަބަސްތައް ވެސް ވަނީ ފޭރިގަނެފައި،" ރޭޕްގެ މައްސަލާގައި ހައްޔަރު ކުރި މީހާގެ މައްޗަށް ފޭރުމުގެ ތުހުމަތުވެސް ކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރިޕޯޓުތައް ބުނާގޮތުން ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާއަކީ އާންމުކޮށްވެސް ޗުއްޓީއަށް ގޯވާއަށް ދާ މީހެކެވެ. އިންޑިއާގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުން ދަނީ މި އަންހެންމީހާ އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ގޯވާއަކީ އިންޑިއާ އަށް ޒިޔާރަތްކުރާ އެތައް ހާސް ފަތުރުވެރިންގެ މަންޒިލެކެވެ. ނަމަވެސް މި ފަހަކަށް އައިސް ގޯވާގައި ހިނގާ ރޭޕްކުރުމާ ފޭރުމުގެ ހާދިސާތަކުގެ ސަބަބުން އެތަނަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ދަނީ މަދުވަމުންނެވެ.