ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އެންމެ ބޮޑު ވައުދަކީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ވެރިކަން ކުރުން ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިހު ވެރިކަމަށް ހޮވިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގައި އިއްތިހާދުގެ ވަކި ޕާޓީއެއްގެ މެޖޯރިޓީ އޮވެގެން ނޫން ކަމަށެވެ.

"ވީމާ ވައުދު ފުއްދާކާށް ކޯލިޝަންގެ ވަކި ޕާޓީއެއްގެ މެޖޯރިޓީ ބޭނުމެއް ނުވޭ. ބޭނުންވަނީ އިހުލާސްތެރިކަން،" އަމީންގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އަމީން މިފަދައިން ޓްވީޓެއް ކުރައްވާފައިވާއިރު ރޭ ހއ. އިހަވަންދޫގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވަނީ ރައީސް ޞާލިހުގެ ރިޔާސީ ވައުދުތައް ފުއްދޭނީ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް މެޖޯރިޓީ ދިނުމަށް މުޅި ރާއްޖެ ގޮވަމުންދާ ކަމަށްވެސް ނަޝީދު ރޭ ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވިއިރު މިހާރު މަޖިލީހުގައި އޮތީ ޖުމްހޫރީ ޕާޓީގެ މެޖޯރިޓީއެވެ. ސަރުކާރުން މަޖިލީހަށް މުހިއްމު ބިލުތަކެއް ހުށަހަޅާފައި ވަނިކޮށް އެ ބިލުތައް ފާސްކުރަން ބޭއްވި ޖަލްސާއަށް ކޯލިޝަނުގެ ބައެއް މެންބަރުން ހާޒިރުވެ ވަޑައިގެންފައެއް ނުވެއެވެ.

މަޖިލިސް އިންތިހާބަށް ކޯލިޝަނުން ވާދަ ނުކުރަން ނިންމައި، ހުރިހާ ގޮނޑިއަކަށް ވާދަކުރަން ފުރަތަމަ ނިންމީ އެމްޑީޕީ އިންނެވެ. އެ ހުށަހެޅުން އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާ ނަޝީދެވެ.