02 Oct 2011, 16:01
ރިޔާޟް (އޮކްޓޯބަރ 2) : ސަޢޫދީ އަރަބިޔާއަށް ބޭނުންވާ ކާބޯތަކެތީގެ 90% އަކީ ބޭރުން އިންޕޯޓްކުރެވޭ ތަކެތިކަން އެޤައުމުން ހާމަކޮށްފިއެވެ. ސަޢުދީ އަރަބިޔާގެ ރީސާޗް އިންސްޓިޓިއުޓެއް ކަމަށްވާ "ކިންގ ޢަބްދުﷲ އިންސްޓިޓިއުޓް ފޯރ ކޮންސަލްޓިންގ އެންޑް ރީސާޗް" އިންތައްޔާރުކޮށް މިދިޔަ ހަފްތާގައި ނެރުނު ރިޕޯޓެއްގައިވާގޮތުން ސަޢޫދީ އަރަބިޔާއަށް ބޭނުންވާ ކާބޯތަކެތީގެ 90% އަކީ ބޭރުން އިންޕޯޓްކުރެވޭ ތަކެއްޗެވެ.
މިރިޕޯޓް ބުނާގޮތުން ސައޫދީ އަރަބިޔާއަށް އެންމެ ގިނައިން ކާބޯތަކެތި އިންޕޯޓްކުރަނީ ބްރަޒީލުންނެވެ. އެއަށްފަހު ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުންނާއި އިންޑިޔާއާ އަދި އެމެރިކާއިންނެވެ. ސައޫދީ އަރަބިޔާއަކީ ބިންބޮޑު ޤައުމެއްނަމަވެސް ފެންލިބުމުގެ ދަތިކަމުން ދަނޑުވެރިކަން ކުރިއެރުވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ. ސަޢޫދީ އަށް ބޭނުންވާ ކާބޯތަކެތި ބޭރުން އިންޕޯޓް ކުރުމަށް އެވްރެޖްކޮށް އަހަރަކު 35 ބިލިޔަން ޑޮލަރަށްވުރެ ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ސަޢޫދީ އަރަބިޔާއަށް އެންމެ ގިނައިން އިންޕޯޓްކުރާ ކާބޯތަކެތީގެ ތެރޭގައި ގޮދަން، ހަނޑޫ، ހަކުރު، ކިރާއި ކިރުގެ ބާވަތްތަކާއި ކައްކާ ތެލުގެ އިތުރުން އެއްގަމު މަހާއި ތަރުކާރީއާއި މޭވާ ހިމެނެއެވެ. މި ރިޕޯޓްގައި ސައޫދީ އަރަބިޔާއަށް ބޭނުންވާ ކާބޯތަކެތީގެ ތެރެއިން 90% އަކީ ބޭރުން އިންޕޯޓްކުރާ ތަކެތި ކަމަށްވެފައި އެތަކެތި އެތެރެކުރުމުގައި މަދުޤައުމުތަކަކަށް ބަރޯސާވެފައިވާތީ ކާބޯތަކެތީގެ ގެރެންޓީ ކުޑަކަމުގެ އިންޒާރު ދީފައިވެއެވެ.
ސަޢޫދީ އަރަބިޔާއަކީ ދަނޑުވެރި ކަމަށް އިންވެސްޓް ކުރެވިއްޖެނަމަ އެޤައުމަށް ބޭނުންވާ ކާބޯތަކެތީގެ 60 % އެޤައުމުގެ ބިމުގައި އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ ޤައުމެއް ކަމަށްވެސް މިރިޕޯޓްގައި ބުނެފައިވެއެވެ. ސައޫދީ ސަރުކާރުން ދަނޑުވެރިކަން ތަރައްޤީ ކުރުމަށް ޚަރަދު ކުރަމުން ގެންދިޔުމުގެ ސަބަބުން ކުރިޔާ އަޅާބަލާއިރު އެޤައުމުގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް އިތުރުވަމުން ދިޔަނަމަވެސް ޤައުމުގެ ބޭނުންތަކާއަޅާބަޅާއިރު އުފެއްދޭ މިންވަރު ވަނީ އެންމެ 10% ގައި ކަންވެސް މިރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. (އަލްޢާލަމް)