22 Dec 2018, 12:43
އިދިކޮޅު މައި ޕާޓީ، ޕީޕީއެމުން ނިމިދިޔަ ހަފްތާގައި ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު އަމިއްލަ ގޮތުން ލ. ގަމު ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފި އެވެ.
އަމިއްލަ ކެންޑިޑޭޓެއްގެ ގޮތޮގައި ގަމު ދާއިރާ އަށް ނިކުންނަވަން ނިންމާފައިވާ ކަން މޫސަ ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
މޫސަ މިއަދު "ސަން" އަށް ވިދާޅުވީ ގަމު ދާއިރާގެ ގޮނޑި އަށް ވާދަކުރައްވަން ނިންމެވީ އެންމެ ފުރަތަމަ އޭނާ މަޖިލީހަށް ހޮވިވަޑައިގަތީ ލ. އަތޮޅުގެ މެމްބަރެއްގެ ގޮތުގައި ކަމަށާއި އޭރު ބޮޑު މަސައްކަތްތަކެއް ކުރެވިފައި އޮތީ ގަމު ދާއިރާގައި ކަމަށް ވާތީ ކަމަށެވެ.
ދެ ހާސް ހަަތަރު ވަނަ އަހަރު މުސަ މަޖިލީހަށް ފުރަތަމަ އިންތިހާބުވެފައި ވަނީ ގަމު ހިމެނޭ ހައްދުންމަތީ ދާއިރާ އަށެވެ.
މޫސަ ވިދާޅުވީ، ނިމި ދިޔަ ރިޔާސީ ދައުރުގައި ގަމު ދާއިރާ އިދިކޮޅު ޕާޓީގެ މެމްބަރަކަށް ނިސްބަތްވެފައި އޮތުމުން އެ ދާއިރާ އޮތީ ވަރަށް ބޮޑަށް ބާކީ ކުރެވިފައި ކަމަށާއި އަމާޒަކީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ގޮނޑި ކާމިޔާބު ކުރައްވައި ސަރުކާރަށް އެބާރުލުން ދީ، އެ ދާއިރާގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން ކަމަށެވެ.
"މިދިޔަ ފަސް އަހަރުތެރޭ ގަމު ދާއިރާގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ފޮނަދޫ ދާއިރާ ތަރައްގީ ވާވަރަށް ގަމު ދައިރާ ތަރަައްގީ ނުވާ ވާހަކަ. މިދިޔަ ފަސް އަހަރުގައި ގަމު ދާއިރާގައި ހުރީ އިދިކޮޅު މެމްބަރެއް. މިފަހަރު ގަމު ދާއިރާއަށް ކުރިމަތިލާއިރު ސަރުކާރުން ވެސް ބޭނުންވާ ކަންތައް ކޮށްދީ ގަމު ދާއިރާ ތަރައްގީ ކުރެވޭނެ ގޮތަކަށް ވިސްނުން ހުރީ،" އެމްޑީޕީ ޓިކެޓްގައި ހުޅުހެންވޭރު ދާއިރާއަށް ހޮވިވަޑައިގެންނެވި އަދި ފަހުން އޭރު ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް އާ ގުޅިވަޑައިގެންވި މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ، ޕީޕީއެމް އިން ނުކުތަސް ޖެހޭނީ އިދިކޮޅު މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ކަމަށާއި ސަރުކާރާ އިދިކޮޅު މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން އޭނާ ގަސްތެއް ނުކުރައްވާ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަން ވެސް ކުރެއްވި މޫސަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރެއްވި ފަހުން އެ ޕާޓީގެ ލީޑާޝިޕާ ޖެހުނު މައްސަލަތަކަށް ފަހު މޫސަ އެ ޕާޓީ އިން ވަކިކުރި އެވެ.
ފަހުން އޭރު ސަރުކާރާ ގުޅި ސަރުކާރާ އެކުަ މަސައްކަތް ކުރެއްވަން މޫސަ ފެެއްޓެވި އެވެ.
އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި މޫސަ މިހާރު ތަމްސީލު ކުރައްވަމުން ގެންދަވާ ހުޅުހެންވޭރު ދާއިރާ ވަނީ ވަކި ދާއިރާއެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުން ހަމަޖައްސާފަ އެވެ. އަދި ހެންވޭރު ހުޅަނގުގެ ނަމުގައި ވެކި ދާއިރާއެއް އިތުރު ކޮށްފަ އެވެ. ޖުމްލަ 87 ދާއިރާއެއް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނެ އެވެ.