ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު، ކުރިއަށް އޮތް ރާއްޔިތުންގެ މަޖިލީހުގެ އާންމު އިންތިޚާބުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

ވިލިމާލެ ދާއިރާއަށް ނިކުންނަވަން ނިންމަވާފައިވާކަން ޖަމީލް ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވާފައެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސިޔާސީ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ޑރ. ޖަމިލް ވިދާޅުވީ އެ ދާއިރާއަށް ކުރިމަތިލައްވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން ކަމަށާއި އުންމީދުކުރައްވަނީ ގުޅިފައިވާ ޕާޓީތަކުގެ ތާއީދުވެސް އޭނާއަށް ލިބޭނެ ކަމަށެވެ.

ސަރުކާރު ގިނަ ވުޒާރާތަކުގެ މިނިސްޓަރުކަންވެސް ކުރެއްވި ޖަމީލް ވިދާޅުވީ އޭނާ ބޭނުންވަނީ ނިމިދިޔަ ސަރުކާރުގައި ކުރަން ނިންމި އަދި ނުނިނިމިހުރި މަސައްކަތްތަކާއި މާލެއާއި ވިލިމާލެ އަދި ތިލަފުށި ބްރިޖަކުން ގުޅާލައި، ފެރީ ނިޒާމް ހަރުދަނާ ކުރުން ކަމަށެވެ.

ޖަމީލް ވިލިމާލެ ދާއިރާއަށް ކުރިމަތިލައްވާނެ ކަމަށް އިއުލާނު ކުރެއްވި އިރު ރޭ އޭނާ ވަނީ އެ ދާއިރާއާ ގުޅޭ ޓްވީޓެއްވެސް ކުރައްވާފައެވެ.

ޖަމީލް ރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ވިލިމާލެ ރައްޔިތުންނަށް ޒަމާނީ ތަރައްގީން ހައްގުވާ މިންވަރު ހޯދައިދޭން ޖެހޭ ކަމަށާއި، އެކަން ފަށަން މާ ލަސްވެސް ވެއްޖެ ކަމަށެވެ.

ގާނޫނީ ދާއިރާއިން ތައުލީމް ހާސިލް ކޮށްގެން ހުންނެވި ޑރ. ޖަމީލް އަކީ، ރައީސް ޔާމިންގެ ސަރުކާރުގެ އިންތިހާބީ ނައިބު ރައީސް އެވެ.

އޭރު ސަރުކާރު ތެރޭގައި ޖެހުނު މައްސަލަތަކާ އެކު މަޖިލިސް ތެރެއިން ޖަމީލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި އޭނާ މާގާމުން ވަކިކޮށްފައިވެއެވެ. ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެފަހުން އޭނާ ދިރިއުޅުއްވަމުން ގެންދެވީ އިނގިރޭސީ ވިލާތުގައެވެ.

ސިޔާސީ އިސްވެރިން އިނގިރޭސީ ވިލާތުގައި އޭރު ތިއްބަވައިގެން އުފެއްދެވި ޔުނައިޓެޑް އޮޕޮޒިޝަންގެ ލީޑަރަކަށް ޖަމީލް އަައްޔަން ކުރެވުނުވެ.

ޖަމީލް މާލެ ވަޑައިގަތީ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޔާމިންގެ މައްޗަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހޯއްދެވި ކާމިޔާބަށް ފަހުއެވެ.