22 Dec 2018, 10:26
ޝާހުރުކް ޚާން، އަނުޝްކާ ޝަރްމާ އަދި ކެޓްރީނާ ކައިފް ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ޒީރޯ' ވަނީ އިއްޔެ ރިލީޒްކޮށްފައެވެ.
ވަރުގަދަ ކާސްޓެއް ހިމަނައިގެން އާނަންދު އެލް ރާއީ ޑައިރެކްޓު ކުރި އެ ފިލްމަކީ ގިނަ ބަޔަކު ބޮޑު އުންމީދެއް ކުރި ފިލްމެކެވެ. ނަމަވެސް ފުރަތަމަ ދުވަހު ފިލްމު ބެލި ގިނަ މީހުންގެ އިތުރުން ކްރިޓިކްސް ވެސް ތިބީ މާޔޫސްވެފައެވެ.
ބެލުންތެރިން ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކުރަމުން އަންނަ އިރު، ފިލްމަށް ލިބެމުން އަންނަ ދަށް ރިވިއުތަކުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމު ބަލަން ދާ މީހުންގެ އަދަދު ވަރަށް ބޮޑުތަން ދަށް ވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 5966 ސިނަމާއެއްގައި ފިލްމު ދައްކަމުން އަންނަ އިރު، ފުރަތަމަ ދުވަހު ފިލްމަށް 15 ކުރޯރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ލަފާކޮށްފައެވެ.
ފިލްމުގައި ޝާހު، ކެޓްރީނާ، އަދި އަނުޝްކާ ދައްކުވައިދީފައިވާ އެކްޓިން އަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. ނަމަވެސް ފިލްމުގެ ވާހަކަ އާއި ޑައިރެކްޝަން އެއް ގޮތަކަށް ވެސް ކަމުނުދާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ފިލްމުގައި ޝާހު އަދާކުރަނީ "ބައުއާ" ކިޔާ ޑްވާފެއްގެ ރޯލެވެ. ފިލްމުގައި އަނުޝްކާ ފެނިގެން ދަނީ ނުކުޅެދުންތެރިކަމުގެ ސަބަބުން ދުއްވާ ގޮނޑިއެއްގައި އިންނަން ޖެހިފައިވާ ސައިންޓިސްޓެއްގެ ރޯލުންނެވެ.
ބަތަލާ ކެޓްރީނާ އަދާކުރަނީ ސުޕަސްޓާރެއްގެ ރޯލެވެ. ފިލްމުގައި ފެނިގެންދާނީ ކާމިޔާބު ދެ އަންހެނުން ދެކެ ލޯބިވެވި، ބައުއާގެ ދިރިއުޅުން ބަދަލުވާ ގޮތެވެ.