ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އާއެކު މަސައްކަތް ކޮށްލުމަކީ ދެކެމުން އަންނަ ހުވަފެނެއް ކަމަށް ފިލްމު 'ކެދާރްނާތު' އިން ބޮލީވުޑް ކެރިއަރު ފެށި ޒުވާން ބަތަލާ ސާރާ އަލީ ޚާން ހާމަކޮށްފިއެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސާރާ ބުނީ އޭނާ އެންމެ ކުޅޭ ހިތްވަނީ ތާރީޚީ ހާދިސާތައް ދައްކުވައިދޭ ފިލްމުތަކަށް ކަމަށެވެ.

ޕޮލިޓިކަލް ސައިންސް އިން ޑިގްރީ ހާސިލްކޮށްފައިވާ ސާރާ ބުނީ އިންޑިއާގެ މުއްސަނދި ތާރީޚަށް އޭނާގެ ހިތުގައި ޚާއްސަ ލޯތްބެއް އޮންނަ ކަމަށެވެ.

"އެހެންވީމަ ސަންޖޭ ލީލާ ބަންސާލީގެ ޕީރިއަޑް ޑްރާމާއެއްގައި މަސައްކަތް ކޮށްލަން ލިބުން ވެގެންދާނީ ހުވަފެނެއް ހަގީގަތަކަށް ވުން ކަހަލަ ކަމަކަށް،" ސާރާ ބުންޏެވެ.

'ކެދާރްނާތު' ގައި ސާރާ ދައްކުވައިދީފައިވާ އެކްޓިންއަށް ގިނަ ބަޔަކު ތައުރީފު ކުރަމުން އަންނަ އިރު ސާރާ މިހާރު އަންނަނީ އޭނާގެ ދެވަނަ ފިލްމު 'ސިމްބާ' ރިލީޒް ކުރުމަށް ތައްޔާރުވަމުންނެވެ. އެ ފިލްމުގައި ސާރާ ފެނިގެންދާނީ ރަންވީރު ސިންގ އާއެކުއެވެ.