ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާދިނުމުގެ ޕައިލެޓް ޕްރޮގްރާމަށް އާންމުންގެ ހިޔާލު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ނިންމާފައި ވަނީ ނާސްތާ ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތުދިނުމަށާއި އާންމުންގެ ޚިޔާލު ހޯދުމަށް ބެލެނިވެރިންނަށާއި އާންމުންނަށް ހުޅުވާލައިގެން ފޯރަމެއް ބޭއްވުމަށެވެ. މި ފޯރަމް އޮންނާނީ މިމަހުގެ 23 ވާ އާދީއްތަ ދުވަހުގެ ރޭ 8.30ގައި އަމީނިއްޔާ ސްކޫލްގައެވެ.

ނާސްތާ ޕްރޮގްރާމް ފެށުމަށް އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭއިރު 25 ސްކޫލެއްގައި ޕައިލެޓް ޕްރޮގްރާމް ހިންގަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.

މިނިސްޓްރީން ނިންމާފައި ވަނީ ހުރިހާ ފަރާތަކެއްގެ ހިޔާލާއެކު ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ކަމަށް މިނިސްޓަރު ޢާއިޝަތު ޢަލީ ވަނީ ބުރާސްފަތި ދުވަހު ވިދާޅުވެފައެވެ.

‏ނާސްތާއަށް ދަރިވަރަށްދޭން ކަނޑައަޅާފައިވާ ތަކެތީގެ މެނޫ ތައްޔާރުކުރައްވާފައިވަނީ، ޔުނިސެފްގެ އެހީގައެވެ.

ނާސްތާ ޕްރޮގްރާމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.