02 Oct 2011, 15:55
މިދިޔަ ހޮނިހިރު ދުވަހު ބާސެލޯނާގެ ފަރިތަކުރުންތަކުގައި ލިބުނު އަނިޔާގެ ސަބަބުން އެޓީމުގެ ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް އަށް ތިން ހަފްތާ ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
މިސީޒަނުގައި އާސެނަލްއިން ބާސެލޯނާ އަށް ބަދަލުވި ފެބްރިގާސް ވަނީ ލަލީގާއަށް އެކުލަބަށް ކުޅެދިން ފަސް މެޗުން ހަތަރު ގޯލު ކާމިޔާބު ކޮށްދީ ފެބްރިގާސް ވަނީ އޭނާ އަކީ ބާސާގެ މެދުތެރޭގައި މުހިންމު ކުޅުންތެރިއެއް ކަން ސާބިތު ކޮށްދީފައެވެ.
އުމުރުން 24 އަހަރުގެ ފެބްރިގާސް ގެ ކަނާތު ފައިގެ މަސްގަނޑަށް ލިބުނު އަނިޔާ އާއި ގުޅިގެން، މިރޭ ސްޕޯޓިންގް ގިޖޯން އާއި ދެކޮޅަށް ބާސެލޯނާ ލަލީގާ ގައި ނުކުންނަ މެޗުގައެއް ބައިވެރިއެއް ނުވެވޭނެ އެވެ.
މީގެ އިތުރުން ޗެކް ރިޕަބްލިކް އަދި ސްކޮޑްލެންޑާއި ދެކޮޅަށް ސްޕެއިން ގައުމީ ޓީމު ކުޅޭ މެޗުތަކުގެ އިތުރުން ބާސެލޯނާގެ އިތުރު ދެމެޗެއްގައި ވެސް ބައިވެރިއެއް ނުވެވޭނެ އެވެ.
ބާސެލޯނާގެ އަނިޔާގެ ލިސްޓަށް ފެބްރިގާސް އިތުރުވެފައި ވާއިރު، މިހާރު އެޓިމުގެ އަނިޔާގެ ލިސްޓުގައި ތިބި ކުޅުންތެރިންނަކީ އަންދުރޭ އިނިއެސްޓާ އާއި، އެލްކްސިސް ސަންޗޭޒް އަދި އިބްރާހިމް އާފެލާއީ އެވެ.
އެޓީމުގެ އަނިޔާގެ ލިސްޓުގައި ކުރިން ތިބި ތަޖުރިބާކާރު ދެޑިފެންޑަރުން ކަމަށްވާ ކެޕްޓަން ކާލޮސް ޕުޔޯލް އާއި ޖެރާޑް ޕީކޭ ވަނީ އަނިޔާއިން ސަލާމަތް ވެފައެވެ.