21 Dec 2018, 23:35
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިގްތިސޯދީ އަދި ތަރައްގީގެ ތަސައްވަރުތައް ހަގީގަތަކަށް ހެދުމަށް ޖަޕާނުން އެއްބާރުލުން ދޭނެކަމަށް އެގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފިނޭންސް މިނިސްޓަރު ތާރޯ އާސޯ ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމު ސަރުކާރުގެ އިސް އޮފިޝަލުންނާ ދަނީ ބައްދަލު ކުރައްވަމުންނެވެ. އިއްޔެ ޖަޕާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރާ ބައްދަލު ކުރައްވާ ދެބޭފުޅުން ވަނީ ރާއްޖެ އާއި ޖަޕާނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ބައިނަލް އަގުވާމީ މައިދާނުގައި ދެގައުމު ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް ބައިވެރިވެލައްވައެވެ. ރާއްޖޭގެ ތިން މިނިސްޓަރަކު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުުޅުގައި އިއްޔެ ވަނީ ޖަޕާނުގެ ފޮރިން މިނިސްޓާރާ ބައްދަލު ކުރައްވާ، ރާއްޖޭގެ ތަރައްގީ އަށް ޖަޕާނުން ވަމުން ދެންދާ އެހީއަށް ޝުކުރު އަދާކުރައްވައިފައެވެ.
މީގެ އިތުރުން ޖަޕާނުގެ އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން އާއި އެންވަޔަރަމެންޓް މިނިސްޓަރު، އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓަރު އަދި ޖަޕާން ބޭންކް ފޯ އިންޓަނޭޝަނަލް ކޯޕަރޭޝަނުގެ ގަވަރުނަރާވެސް ރާއްޖޭގެ ވަޒީރުންގެ ވަފުދުން ވަނީ ބައްދަލު ކުރައްވައިފައެވެ.