21 Dec 2018, 19:42
ސައުތު އެފްރިކާގެ ޖޭޒް މިއުޒީޝަނެއްގެ ސިކުނޑީގެ އޮޕަރޭޝަން ކުރިއަށް ގެންދިޔައިރުވެސް ގިޓާ ކުޅެން އޮންނަ ވީޑިއޯ އެއް ސަމާލުކަން ހޯދައިފިއެވެ.
މިއުޒީޝަނެއްގެ އިތުރުން ޔުނިވާސިޓީ ޕްރޮފެސަރެއް ކަމަށްވާ މޫސާ މަންޒިނީގެ ސިކުނޑީގެ އޮޕަރޭޝަން ކުރިއަށް ދިޔައިރު، އޮޕަރޭޝަނުގެ ހަ ގަޑިއިރު ތެރޭގައިވެސް އޭނާ ވަނީ އިނގިލިތަކުން ގިޓާގެ ނަރުތަކާ ކުޅެފައެވެ. ސިކުނޑީގެ ޓިއުމަރެއް ނަގަން ކުރި މި ބޮޑު އޮޕަރޭޝަނުގެ ހަ ގަޑިއިރު ވެސް އޭނާ އޮތީ ހޭލައި ކަމަށްވެއެވެ.
އޮޕަރޭޝަން ކުރި އިރު މޫސާ ގިޓާ ކުޅެން އޮތް އޮތުން ޑޮކްޓަރުން ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ މިފަދަ އޮޕަރޭޝަނެއްގެ ސަބަބުން ސިކުނޑިއަށާއި ހަނދާންތަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށް އޮތް ގޮތެއް ކަމަށް ޑޮކްޓަރުންގެ ޓީމުން ވަނީ ފާހަގަ ކޮށްފައެވެ.
މި އޮޕަރޭޝަނަށް ހަފްތާ އެއް ވެފައިވާއިރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.