21 Dec 2018, 20:49
އެތެރޭގެ އުދުހުން ތަކުގެ އަގު ކުޑަކުރުމަށް މޯލްޑިވިއަން އިންކުރަންޖެހޭ މަސައްކަތްތައް ވެސް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އަދި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރެއިން ފުރަތަމަ 30 ދުވަހުގެ ތެރޭގައި ނިންމަން ކަނޑައެޅިފައިވާ ކަމެކެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރިޒްވީ މިއަދު "ސަން"އަށް ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ އަގުތައް ކުޑަ ކުރުމުގައި އެ ކުންފުނީގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި އަގުތައް އެނަލައިޒް ކުރުމަށް ފަހު މިހާރު ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ހުރިހާ ކަލްކިއުލޭޝަންއެއް ވޯކައުޓްކޮށްލާފައި އޭތި މިހާރު ފިނޭންސް މިނިސްޓްރީއަށް ފޮނުވާފަ ވަނީ. އަދި ގަބޫލު ކުރެވެނީ މުޅި މަސައްކަތް ނިމި، މިފެށޭ ހަފްތާ ތެރޭ ޓިކެޓްގެ އަގުތައް އިއުލާން ކުރެވޭ ވަރުވާނެ ކަމަށް" ރިޒްވީ ވިދާޅުވި އެވެ.
މި މަހު 12 ވަނަ ދުވަހު ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ މައްސައްކަތުގެ 60 ޕަސަންޓް ނިމިފައިވާ ކަމަށާއި އެކަމުގައި މިނިސްޓްރީއިން ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އަގުތައް ދެދުވަސް ތެރޭ އިއުލާން ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރިޒްވީ އިތުރަށް ވިދާޅުވީ، އަގުތައް އިއުލާން ކުރުމަށް ފަހު އެ އަގުތަކާ އެއްގޮތަށް ޓިކެޓް ވިއްކުމަށް ދެހަފްތާއެއްހާ ދުވަސް ނަގާނެކަމަށެވެ.
"އަގުތަކުގެ ކޮންފޮމޭޝަން ދިނުމަށް ފަހު، އެ ސިސްޓަމްތަކަށް އަޕްލޯޑް ކުރުމާއި ފެއާ ފައިލް ކުރުމަށް ނަގާނެ މަދުވެގެން އެއް ހަފްތާ،" ޓިކެޓް އިއުލާން ކުރުމާ އެކު އެއަށް އަމަލުކުރަން ކިހާ ދުވަހެއް ނަގާތޯ ސުވާލު ކުރުމުން ރިޒްވީ ވިދާޅުވިއެވެ.
މިވަގުތު ރާއްޖޭގައި ޑޮމެސްޓިކް ވައިގެ ހިދުމަތް ދެނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން ވިލާ އެއާގެ ފްލައިމީއިންނެވެ. އަދި އަލަށް އުފެއްދި މެންޓާ އެއާއިން ވެސް ދަނީ ޑޮމެސްޓިކް ދަތުރުފަތުރުގެ ޚިދުމަތްތައް ފެށުމަށް ތައްޔާރުވަމުންނެވެ