މިހާރު ހިނގަމުން މިދަނީ ސްކޫލްތަކުގެ ދިރާސީ އަހަރު ނިމި ސްކޫލް ބަންދު ދުވަސްކޮޅެވެ. އަހަރުގެ ބޮޑު ޗުއްޓީއެވެ. މި ޗުއްޓީގައި މިހާރުވެސް ބައެއް މީހުން ރާއްޖޭގެ އެކި އެކި ރަށްތަކާއި އެކި އެކި ގައުމުތަކަށް ވަނީ ދަތުރުކޮށްފައެވެ. ނަމަވެސް ރަށްތަކަށް ދަތުރުކުރާ ބައެއް މީހުން ތިބީ ސަރުކާރުން އަގުހެޔޮ ކުރަން ބުނި ޓިކެޓް ގެ އިންތިޒާރުގައި ނުފުރިފައެވެ. އަނެއްބައި މީހުން ފުރުމަށް ފަހު އެނބުރި އައުމަށް ޓިކެޓް ނުނަގައި ތިބީ އަގުހެޔޮ ކުރަންދެން އިންތިޒާރުގައެވެ.

އެތޭރޭގެ އުދުހުންތަކުގެ އަގުތައް އެހެން ގައުމުތަކާ އަޅާ ބަލާ އިރު ރާއްޖޭގައި އަގުބޮޑު ވާހަކައަކީ އަބަދުވެސް ދިވެހީންގެ ކަންބޮޑުވުމެކެވެ. ރާއްޖެއިން އަވަށްޓެރި ގައުމުތަކަށް ވެސް ބައެއް ފަހަރު އެޔަށް ވުރެ އަގުހެޔޮކޮށް ދެވެއެވެ.

ސްކޫލް ޗުއްޓީއަށް އާއިލާއާ އެކު އައްޑޫ ސިޓީގައި މިހާރު ހުރި އަދި މާލޭގައި ވަޒީފާ އަދާކުރާ ބައްޕައަކު "ސަން" އަށް މައުލޫމާތު ދެމުން ބުނީ އަނބިދަރިންނާ އެކު އޭނާ ރަށަށް ދިޔައީ އެއްކޮޅު ޓިކެޓް ނަގައިގެން ކަމަށާއި އެނބުރި މާލެ އައުމަށް ޓިކެޓް ނުނަގައި ހުރީ ޓިކެޓް އަގުހެޔޮ ކުރުމުން ނަގަން ކަމަށެވެ.

މާލޭގައި ކިޔަވަމުންދާ ޔުނިވާސިޓީ ދަރިވަރަކު ކިޔައި ދިން ގޮތުގައި އޭނާ ޗުއްޓީއަށް ރަށަށް ނުދެވި މަޑުކޮށްގެން ހުރީ އަގުހެޔޮ ޓިކެޓުގައި ރަށަށް ދިޔުމަށެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސް، އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ރިޔާސީ ވަައުދެކެވެ. އެ ވައުދު ފުއްދި، އަގުހެޔޮ ޓިކެޓުން ދަތުރު ކުރުމަށް ރައްޔިތުން ތިބީ ކެތްމަދުވެފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ނަމުގައި ވަކި މިނިސްޓްރީއެއް ހަދައި، އެ މިނިސްޓްރީގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި އެތޭރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަށް ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.

މި މަހު 12 ވަނަ ދުވަހު ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ނޫސްވެރީނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާ ކަމަށާއި އެކަމުގައި މިނިސްޓްރީ އިން ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އަގުތައް ދެދުވަސް ތެރޭ އިއުލާން ކުރައްވާނެ ކަމަށް އޭރު މިނިސްޓަރު ވިދާޅުވިއެވެ.

މި މަހު 12 ވަނަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނަހުލާ ވާހަކަ ދައްކަވަނީ: ނަހުލާ ވިދާޅުވީ ޓިކެޓް ގެ އަގުތައް ދެދުވަސް ތެރޭ އިއުލާން ކުރައްވާނެ ކަމަށް -- ސަން ފޮޓޯ/އަހްމަދު އަވްޝަން އިލްޔާސް

ބަންދު ދުވަސްތައް ނުލައި މިނިސްޓަރު އެހެން ވިދާޅުވިތާ ހަފްތާއެއްހާ ދުވަސް ވީ އިރުވެސް އަގުތައް އިއުލާން ނުކުރެވުމުން ބައެއް އާންމު ފަރާތްތަކުން ދަނީ އެކަމަށް ފާޑު ކިޔަމުންނެެވެ.

ފާޑުކިޔުންތަކަށް މިނިސްޓަރު ނަހުލާގެ ރައްދު!

ރޭ ވީޓީވީ "އެނގޭތަ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ޓިކެޓް އަގުތައް އިއުލާން ނުކުރެވި އޮތީ އެމިނިސްޓްރީން ކުރަން ޖެހޭ ކަމެއް ނުކޮށްގެން ނޫން ކަމަށާއި އެ މިނިސްޓްރީގެ މެންޑޭޓްގައި ހުރި ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ.

"ރައީސް ސޯލިހު ފުރާވަޑައިގަންނަވަން ޖެހުމާ ގުޅިގެން މިމަސައްކަތްތައް އަޅުގަނޑުމެން މިހާރު ވާހަކަދައްކަން ޖެހޭ ފަރާތްތަކާ ވާހަކަދެކެވެމުންދަނީ. ބަންދު ވެސް އައުމާއެކު ކުޑަ ލަހެއް މިކަމަށް މިއައީ،" ދެދުވަސް ތެރޭގައި އިިއުލާން ކުރަން ބުނި ޓިކެޓުގެ އަގުތައް އިއުލާން ނުކުރެވުމުން އާންމުންގެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ، ޓިކެޓް އަގުހެޔޮ ކުރުމުން އެ ހިދުމަތްދޭ ކުންފުނިތަކުގެ ސޭލްސްތަކަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި އެހެން ކަމުން އަދި އެ މިނިސްޓްރީ އިން އަގު ތަކެއް ނިންމި ކަމުގައި ވީނަމަސް ސަރުކާރުން ވެސް ބަލަން ޖެހޭ ބެލުންތައް ހުންނާނެ ކަމަށެވެ.

"މިނިސްޓްރީ އިން [ޓިކެޓްގެ] އަގުތަށް ކުޑަ ކުރާށޭ ބުނެ ދެންނެވި ނަމަވެސް [ޓިކެޓް އަގު] ކުޑަކުރެވޭނީ، ސަރުކާރުން ބަލާފައި، ސަރުކާރުން އެ ކުޑަކުރަން ޖެހޭ ކުންފުނިތަކަށް އެ ސަބްސިޑައިޒް ކަންތައްތަކެއް ކޮށްގެން،" މިނިސްޓަރު ވިދާޅުވިއެވެ.

އައިލެންޑް އޭވިއޭޝަންގެ މަސައްކަތްތައް ވެސް މިހާރު ނިމިފައި!

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އިލެންޑް އޭވިއޭޝަން ސާވިސެސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރިޒްވީ މިއަދު "ސަން"އަށް ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ އަގުތައް ކުޑަ ކުރުމުގައި އެ ކުންފުނީގެ މަސައްކަތްތައް ވެސް މިހާރު ނިމިފައިވާ ކަމަށާއި އަގުތައް އެނަލައިޒް ކުރުމަށް ފަހު މިހާރު ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ހުރިހާ ކަލްކިއުލޭޝަންއެއް ވޯކައުޓްކޮށްލާފައި އޭތި މިހާރު ފިނޭންސް މިނިސްޓްރީއަށް ފޮނުވާފަ ވަނީ.،" އަދި ގަބޫލު ކުރެވެނީ މުޅި މަސައްކަތް ނިމި، މިފެށޭ ހަފްތާ ތެރޭ ޓިކެޓުގެ އަގުތައް އިއުލާން ކުރެވޭ ވަރުވާނެ ކަމަށް ރިޒްމީ ވިދާޅުވި އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން ފުލައިޓް: އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވަނީ ޓިކެޓް އަގު ކުޑަ ކުރުމުގައި އެ ކުންފުނީގެ މަސައްކަތްތައް ވެސް ނިމިފައިވާ ކަމަށް -- ސަން ފޮޓޯ/ އިއްތިޝާމް

އޭނާ ވިދާޅުވީ އަގުތައް އިއުލާން ކުރުމަށް ފަހު އެ އަގުތަކާ އެއްގޮތަށް ޓިކެޓް ވިއްކުމަށް ދެހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށެވެ.

"އަގުތަކުގެ ކޮންފޮމޭޝަން ދިނުމަށް ފަހު، އެ [އަގުތައް] ސިސްޓަމްތަކަށް އަޕްލޯޑް ކުރުމާއި ފެއާ ފައިލް ކުރުމަށް ނަގާނެ މަދުވެގެން އެއް ހަފްތާ،" ޓިކެޓް އިއުލާން ކުރުމާ އެކު އެއަށް އަމަލުކުރަން ކިހާ ދުވަހެއް ނަގާނެތޯ ސުވާލު ކުރުމުން ރިޒްވީ ވިދާޅުވި އެވެ.

ރައީސް ސޯލިހް ގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެތެރޭގެ އުދުހުންތަކުގެ އަގުތައް ކުޑަ ކުރުމުގެ ވައުދަކީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފައިވާ ވައުދެކެވެ. ސަރުކާރުގެ 100 ދުވަހުގެ ތެރެއިން ފުރަތަމަ 30 ދުވަހުގެ ތެރޭގައި ނިންމަން ކަނޑައެޅި ކަމެއް ކަމަށް ވާ ޓިކެޓް އަގު ހެޔޮ ކުރުމުގެ ކަންތައް ހަމަ ޖެހުމުގެ އިންތިޒާރުގައި ތިބި ރައްޔިތުން ތިބީ ހެޔޮ އަގެއް ޖަޒީރާ ރާއްޖޭގެ ރަށްތަކަށް ދަތުރު ކުރުމަށް ކެތް މަދުވެފައެވެ.