އިޓާލިއަން ސެރިއާގައި ދިހަ ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ އިންޓަ މިލާން ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކު ނަޕޯލީ ލީގުގެ އެއްވަނަ އަށް ޖެހިލައިފި އެވެ. މި ސީޒަނުގައި މޮޅުވި އެއް މެޗާއި އެއްވަރުވި މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އިންޓަމިލާން އުޅެނީ ލީގުގެ 16 ވަނާގައެވެ.

މެޗުގެ 41 ވަނަ މިނެޓުގައި އިންޓަމިލާނުގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ޖޯލް ޗުކްވޫމާ އޮބި ކުރި ފައުލް އާއި ގުޅިގެން ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކުމަށް ފަހު ނަޕޯލީ އަށް ޕެނަލްޓީއެއް ލިބިފައި ވެއެވެ. ނަމަވެސް މަރެކް ހަމްސެކް ޖެހި މިޕެނަލްޓީގެ ހުރަހަކަށްވީ އިންޓަމިލާނުގެ ބްރެޒިލް ގޯލް ކީޕަރު ޖޫލިއޯ ސީސާ އެވެ.

ޖޫލިއޯ ސީސާ ޕެނަލްޓީ ދިފާއުކުރިތާ މިނެޓެއް ނުވަނީސް ނަޕޯލީގެ ހޫގޯ ކަމްޕަގްނަރޯ ވަނީ އިންޓަމިލާން ގެ ގޯލު ހުޅުވާލައިފަ އެވެ. މެޗުގެ 56 ވަނަ މިނެޓުގައި ޖިއުސެއްޕޭ މަސްކަރާ ދިން ހިތްގައިމު ބޯޅައަކުން ކްރިސްޓިއަން މެގިއޯ ވަނީ އިތުރު ލަނޑެއް ނަޕޯލީ އަށް ކާމިޔާބު ކޮށްދީ ލީޑު ފުޅާ ކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕެނަލްޓީ ނާކާމިޔާބުވި ހަމްސެކް ނަޕޯލީގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 75 ވަނަ މިނެޓުގައެވެ. މިމެޗު ނިމިގެންދިޔައީ 3-0 ލަނޑުން ނަޕޯލީ މޮޅުވެގެންނެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި އޭއެސް ރޯމާ ވެސް ވަނީ އެޓްލާންޓާ އަތުން ފަސޭހަކަމާއެކު މޮޅުވެފައެވެ. މެޗުގެ ފުރަތަމަ ލަނޑު ރޯމާ އަށް ކާމިޔާބު ކޮށްދިނީ މިސީޒަނުގައި ބާސެލޯނާއިން އެޓީމަށް ބަދަލުވި ޒުވާން ފޯވާޑް ބޯޖާން ކްރިކިކް އެވެ. ބޯޖާން މިލަނޑު ކާމިޔާބުކުރީ މެޗުގެ 20 ވަނަ މިނެޓުގައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން 31 ވަނަ މިނެޓުގައި ޕަބްލޯ ޑެނިއަލް އޮސްވަލްޑޯ ވަނީ ރޯމާ އަށް ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ތިން މިނެޓު ފަހުން ޖާމަން ޑެނިސް ވަނީ ނަތީޖާ 2-1 ލަނޑަށް ބަދަލު ކޮށްފައެވެ. މެޗުގެ 81 ވަނަ މިނެޓުގައި ފަބިއޯ ސިމްޕްލިސިއޯ ރޯމާ އަށް އަލުން ލީޑު ފުޅާ ކޮށްދިނެވެ. މިމެޗުން ރޯމާ މޮޅުވީ 3-1 ލަނޑުންނެވެ.

ދިހަ ޕޮއިންޓާއެކު އިޓާލިއަން ސެރިއާގެ އެއްވަނާގައި ނަޕޯލީ އުޅޭއިރު، އަށް ޕޮއިންޓާއެކު ދެވަނާގައި އޮތީ ޔުވެންޓަސް އެވެ. ތިންވަނާގައިވާ އުދިނޭސީ އަށާއި ހަތަރުވަނާގައި އުޅޭ އޭއެސް ރޯމާ އަށް ވެސް ލިބިފައިވަނީ އަށް ޕޮއިންޓެވެ. އިޓަލީ ލީގުގައި މިއަދު ވެސް ވަރުގަދަ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައި ވެއެވެ. ތިރީގައި އެވަނީ މިއަދު ކުޅޭ މެޗުތަކުގެ ޝެޑިއުލް އެވެ.
15:30 : ނަވޯރާ – ކަޓަނިއާ
18:00 : ސިސެނާ – ޗިއޭވޯ ވެރޯނާ
18:00 : ފިއޮރެންޓީނާ – ލާޒިއޯ
18:00 : ލެޗޭ – ކަގްލިއެރާ
18:00 : ޕަލާމޯ – ސިއެނާ
18:00 : ޕާމާ – ގެނޯއާ
18:00 : އުދިނޭސީ – ބޮލޯގްނާ
23:45 : ޔުވެންޓަސް – އޭސީ މިލާން