21 Dec 2018, 10:09
ދަރުމައަށް ކުރާ މަސައްކަތްތައް ކާމިޔާބުވާނީ މުޖުތަމައުގެ ތެރެއިން އެކަމުގައި މިސާލު ދައްކައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ދަރުމައަށް މަސައްކަތްކުރާ ދުވަސް ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަމުން މިނިސްޓަރު ވިދާޅުވީ، މީހެއްގެ ނަސްލަށް އަދި އުފަން ރަށަށް ބެލުމެއް ނެތި ކޮންމެ މީހަކަށް ވެސް އެހީތެރިކަން ފޯރު ކޮށްދިނުމަކީ އުފަލެއް ކަމަށް ހަނދަން ޖެހޭ ކަމަށެވެ.
ދަރުމައަށް މަސައްކަތްކުރުމުގެ ރޫހު ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ތައުލީމީ ނިޒާމްގެ ތެރެއިން ބާރުއަޅައި ހިތްވަރުދޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ސުކޫލު ފެންވަރުގައި ނިޒާމީ ގޮތެއްގައި ދަރުމައަށް މަސައްކަތް ކުރުމަށް ހާއްސަ އުސޫލުތަކެއް އެކަށައަޅައި މިހާރުވެސް ތަންފީޒު ކުރަމުންދާ ކަމަށެވެ.
"ނަމަވެސް މި ދެންނެވި މަސައްކަތްތައް ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދިއުމަށް މުޖުތަމައުގެ ތެރެއިން މިސާލު ފެންނަން ބޭނުންވޭ. އަޅުގަނޑުމެންނަކީ އެއްބަނޑު އެއްބަފާ ބައެއް ކަމުގެ އިހްސާސް އަބަދުވެސް ޅަ ދަންރިންނަށް ދޭން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ދަރުމަވެރިންގެ ދުވަސް ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީންނާއި ހޯމް މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ނިންމާފައިފާ ހަރަކާތްތަކުގެ ތެރެއިން، ދަރުމައަށް މަސައްކަތް ކުރުމުގެ ރޫހު އިތުރަށް އާލާވެ އެ މަސައްކަތުގައި ކުރިއަށް ނިކުންނާނޭ ޒުވާނުން އިތުރުވާނެ ކަމަށް އުންމީދު ކުރާ ކަމަށް މިނިސްޓަރު އައިޝަތު ވިދާޅުވިއެވެ.