އުރީދޫ އިން އެމެޒޯން އާ ގުޅިގެން އެމެޒޯން ޕްރައިމްގެ ހިދުމަތް އެ ކުންފުނީގެ ކަސްޓަމަރުންނަށް ތައާރަފު ކޮށްފިއެވެ.

މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހަފްލާއެއްގައި މި ހިދުމަތް ތައާރަފްކޮށްދެއްވީ އުރީދޫގެ އިސްވެރިންނާއި ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

މިރެއިން ފެށިގެން އުރީދޫގެ ކަސްޓަމަރުންނަށް މި ހިދުމަތަށް ސަބްސްކްރައިބް ކުރެވޭނެއެވެ. އުރީދޫ ސުޕަނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އާ އަހަރުގެ ހަދިޔާއެއްގެ ގޮތުގައި ތައާރަފު ކުރި މި ހިދުމަތަށް ސަބްސްކްރައިބު ކުރުމަށް ވަކި ފީ އެއް ދައްކާކަށް ނުޖެހޭނެއެވެ.

މި ހިދުމަތް ހޯދާ ކަސްޓަމަރުންނަށް އެއް ހަފްތާގެ ހިލޭ ޓްރައިއަލް އެއް ލިބޭނެއެވެ. މީގެ އިތުރުން 99 ރުފިޔާގެ ޕެކޭޖަކާއި 5 ޖީބީގެ ޕެކޭޖުގެ ތެރެއިން ކަސްޓަމަރުން ބޭނުން ޕެކޭޖެއް ހިޔާރު ކުރުމުގެ ފުރުސަތުވެސް ލިބޭނެއެވެ. އުރީދޫ އިން ބުނީ ހިދުމަތް ހޯދަން ވަކި ފީއެއް ދައްކަން ނުޖެހޭނެ ކަމަށާއި، އެމެޒޯން ޕްރައިމްގެ ފީ ކަސްޓަމަރުންނަށް މަހު ބިލާއެކު ލިބޭނެ ކަމަށެވެ.

އެމެޒޯން ޕްރައިމްއަކީ ފިލްމާއި ވީޑިއޯ އަދި ލަވަ ސްޓްރީމު ކުރެވޭ ޕްލެޓްފޯމެކެވެ.