20 Dec 2018, 19:14
އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބްގައި ސަރުކާރު ކޯލިޝަން ޕާޓީތަކުން އެކުގައި ވާދަ ކުރުމާގުޅޭ މައްސަލާގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވެފައިވަނީ، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހަތަރު ލީޑަރުންނާ އެކު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.
ދެ ގަޑިއިރަށް ވުރެން ދިގު ދެމިގެންދިޔަ ބައްދަލުވުން ނިންމާލުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، މަޖިލިސް އިންތިހާބްގައި ސަރުކާރު ކޯލިޝަނުން ވާދަކުރާނެ ގޮތަކާ މެދު މަޝްވަރާތައް ކުރެވުނު ކަމަށާއި މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް ގޮތެއް ހޯދުމަށް ކަމަށެވެ.
"އަދި މިއަދަކު ނިންމުމަކަށް ނާދެވޭ. އެހެންވިޔަސް ކުރިއެރުންތަކެއް އެބަހުރި. އެހެންވީމަ އަދި އިތުރު ބައްދަލުވުންތައް އެކަމުގައި ކުރިއަށް ދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބްގެ މައްސަލާގައި ގޮތެއް ނިންމާނީ ހަތަރު ލީޑަރުން އެއްބަސްވެވޭ ގޮތަކަށް ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، ޕާޓީތަކުގެ ހެދިފައިވާ އުސޫލުތަކުގެ ތެރެއިން ވާދަކުރެވޭނެ ގޮތަކަށް ނިންމުން ނިންމަން މަޝްވަރާ ކުރެވުނު ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީން ނިންމާފައިވަނީ މަޖިލީހުގެ 86 ގޮނޑިއަށް ކުރިމަތިލުމަށް ކަމަށާއި ނަމަވެސް އެމްޑީޕީގެ ނިންމުމަކީ އިއްތިހާދުގެ ދެންތިއްބެވި ބައިވެރިން އެންމެ އެދޭ ގޮތަށް ނުވެދާނެ ކަމަށެވެ.
"އެމްޑީޕީން އެދޭ ގޮތް އެމްޑީޕީގެ މެންބަރުން ވަރަށް ސާފުކޮށް ބުނެދީފި،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ނިންމުމާ އެކު އެ ޕާޓީން ވަނީ އަންނަ އަހަރު އޮންނަ މަޖިލިސް އިންތިހާބްގައި އެ ޕާޓީގެ ޓިކެޓްގައި ވާދަ ކުރުމަށް ހުޅުވާލާފަ އެވެ. އަދި ވަގުތު ހަމަވިއުރު އެއް ދާއިރާއެއް ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ވަނީ ކުރިމަތިލާފަ އެވެ.
އެމްޑީޕީގެ މަޖިލިސް އިންތިހާބް ޕްރައިމަރީ އަންނަ މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ވެސް އެ ޕާޓީން ވަނީ ނިންމާފަ އެވެ.