20 Dec 2018, 18:34
މަސްވެރިންގެ ހަރަދުތައް ކުޑަކޮށްދީ، ކަރަންޓުގެ އަގު ހެޔޮކޮށްދިނުމަށްޓަކައި ޑީސަލުން ނަގާ ޑިއުޓީ ކަނޑާލުމަށް އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކުރި ބިލް ރައިސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.
އެ ބިލް ރައީސް ތަސްތީގުކޮށް ގެޒެޓު ކުރުމުން މަސްވެރިކަމުގެ ބޭނުމަށާއި ކަރަންޓްގެ ހިދުމަތް ދިނުމަށް ރާއްޖެ އެތެރެކުރާ ޑީސަލުން ޑިއުޓީއެއް ނުނަގާނެ އެވެ.
ސަރުކާރުގެ ފަރާތުން ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހެޅުއްވި އެ އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނީ 60 މެންބަރުންގެ ވޯޓާއެކު އެވެ.
މި ބިލު ހުށަހެޅި ސަބަބެއް ކަމުގައި ބުނެފައި ވަނީ މަސްވެރިކަމަށް ނިކުންނަ ފަރާތްތަކުން ކުރަން ޖެހޭ ހަރަދު ކުޑަކޮށްދީ، ރާއްޖޭގައި މަސްވެރިކަން ކުރާ ދޯނިތަކުގައި ބޭނުންކުރާ ޑީސަލް އަދި އާންމުންނަށްދޭ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޑީސެލުން ނަގާ ޑިއުޓީ މައާފުކޮށްދިނުމަށް ކަމަށެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ މަސްވެރިކަން ކުރާ ދޯނިފަހަރުގައި ބޭނުން ކުރާ ޑީސަލުންނާއި ކަރަންޓް އުފެއްދުމަށް ބޭނުން ކުރާ ޑީސަލުން ޑިއުޓީ މާފުކޮށް ދެވޭނީ އެކަމަށް އެދި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް ހުށަހެޅުމުން ކަމަށެވެ.
މަސްވެރިކަމަށް ނުކުންނަން ކުރަން ޖެހޭ ހަރަދު ކުޑަ ކުރުމަށް މަސްވެރިންނަށް ޑީސެލުން ނަގަމުން އަންނަ އިމްޕޯޓު ޑިއުޓީ ކަނޑާލުކަީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ. މީގެ އިތުރުން ކަރަންޓުގެ އަގު ހެޔޮކުރުމަށް ކަރަންޓު ސަބްސިޑީ ފޯރުކޮށްދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.
ރައީސް މިއަދު ވަނީ އިތުރު ހަތަރު ބިލެއްވެސް ތަސްދީގު ކުރައްވާފަ އެވެ. އެގޮތުން ރައީސް މިއަދު ތަސްދީގު ކުރައްވާފައި ވަނީ ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހް ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލެވެ.