02 Oct 2011, 15:23
ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފި އެވެ.
ސިފައިންގެ ނުވަ ދާއިރާއަކުން ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލިއިރު އޭގެ ތެރޭގައި ހިމެނެނީ މެރިން ކޯ އާއި ސްޕެޝަލް ފޯސަސް އާއި ފަޔާ އެންޑް ރެސްކިޔު ސާވިސް އާއި ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕާއި މިލިޓަރީ ޕޮލިހާއި މެޑިކަލް ސާވިސް އާއި ކޯ އޮފް އިންޖިނިއާސް، ސާވިސް ކޯ އަދި ކޯސްޓްގާޑުގެ ދާއިރާ އެވެ.
ޖީސީއީ އޯލެވެލް ހަދާފައިވާ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތް އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ ދިވެހި ޒުވާނުން މި ވަޒީފާތަކަށް ކުރިމަތިލާން ފުރުސަތު ހުޅުވައިލި އިރު ފަސް އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރިކޯޑެއް ނެތުން ވަނީ ޝަރުތު ކޮށްފަ އެވެ.
މީގެ އިތުރުން ފިރިހެނެއްނަމަ އިސްކޮޅުގައި ފަސް ފޫޓް ފަސް އިންޗި ހުންނަންޖެހެ އެވެ. އަންހެނެއްނަމަ ފަސް ފޫޓް ތިން އިންޗި ހުންނަން ޖެހެ އެވެ. އަދި ސަރުކާރުގެ މަސްޢޫލިއްޔަތުތަކާއި މަސައްކަތުން ވީއްލުމުގެ ޕްރޮގްރާމްގެ ދަށުން ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވާ ފަރާތަކަށް ވެސް ވާން ޖެހެ އެވެ.