ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ފުއްދަން ނިންމާފައިވާ 12 ވައުދުގެ ތެރެއިން ފަސް ވައުދެއް މިހާރު ފުއްދާފައިވާ ކަމަށް އެ އޮފީހުން މިއަދު ބުނެފިއެވެ.

އޭޖީ އޮފީހުން ފުއްދި ވައުދުތައް:

  • ވަކި ބަޔަކަށް އަމާޒު ކޮށްގެން ހަދާފައިވާ ގާނޫނުތައް މުރާޖައާ ކުރަން ފެށުން
  • ދައުލަތަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯނުތަކާއި އެއްބަސްވުންތައް ރީ ނެގޯޝިއޭޓް ކުރަން ފެށުން
  • ވިސަލްބްލޯވާއިންނަށް (ކޮރަޕްޝަން ފަޅާ އަރުވައިލާ މީހުންނަށް) ހިމާޔަތް ދިނުމާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން
  • ނުހައްގު މުއްސަނދިކަން ހުއްޓުވުމާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން
  • ރިޝްވަތު ހިފާ މީހާއާ އެއްވަރަށް ރިޝްވަތު ދޭ މީހާ ވެސް ކުށްވެރިވާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ހުށަހެޅުން

އޭޖީ އޮފީހުގެ ބަޔާނުގައި ބުނީ، ފުރިހަމަ ކުރި ވައުދުތަކާ ގުޅިގެން އަލަށް ހަދަންޖެހޭ ގާނޫނުތަކާއި އިސްލާހުކުރަންޖެހޭ ގާނޫނުތައް ފާހަގަކޮށް، އެކަންކަމާ ބެހޭ ބިލް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން އިސްލާހު ކުރަންޖެހޭ 11 ގާނޫނެއްގެ ތެރެއިން 10 ގާނޫނެއް އިސްލާހުކުރުމުގެ ބިލު ޑްރާފްޓްކުރުމުގެ މަސައްކަތް ނިމި، ބައެއް ބިލްތައް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އަލަށް އެކުލަވައިލާ ފަސް ގާނޫނެއްގެ ބިލުގެ ތެރެއިން އެއް ބިލެއް މަޖިލީހަށް ފޮނުވާފައިވާ ކަމަށާއި އަލަށް ހަދާ ދެ ބިލެއް އެކުލަވައިލުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ.