20 Dec 2018, 15:00
ކޮންސްޓްރަކްޝަން ސައިޓުތައް އިންސްޕެކްޓުކުރުމުގެ މަސައްކަތް ދާއިމީ ގޮތެއްގައި ކުރެވޭނެ ފަދަ އުސޫލެއް އެކުލަވާލައްވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މާލޭ ސަރަހައްދުގައި މިހާރު ކުރިއަށްގެންދާ ކޮންސްޓްރަކްޝަން ސައިޓުތައް އިންސްޕެކްޓުކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، މިހާރު ކުރިއަށްދާ މަސައްކަތަކީ މިދިޔަ އާދީއްތަ ދުވަހު ހިނގި ހާދިސާއާ ގުޅިގެން ހިންގާ މަސައްކަތެއް ކަމަށެވެ. ނަމަވެސް އެ މަސައްކަތް ދާއިމީ ގޮތެއްގައި ކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު މި ހިންގާ ކަންތައްތަކަކީ ހާދިސާއަކާ ގުޅިގެން ހިންގާ ކަންތައްތަކެއް. މިކަން ދާއިމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ތަރުތީބުކުރެވިފައި އޮންނަ އުސޫލެއް އޮންނަން ޖެހޭ. އެހެންވީމާ އެކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރާނަން،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ، ސަލާމަތާ ބެހޭ ކަންތައްތަކާ ގުޅިގެން އެކަށީގެންވާ ވަރަށް ގަވާއިދުތައް ހެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް ސައިޓުތައް އިންސްޕެކްޓުކުރުމުގައި މައްސަލަ އުޅޭކަމަށާއި މާލޭ ސިޓީ ކައުންސިލާ ގުޅިގެން އެ މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ސައިޓުތައް އިންސްޕެކްޓު ކުރާ މީހުން މީގެ ކުރިން ސިޓީ ކައުންސިލުގައި ތިބޭ ކަމަށެވެ. އަދި އެ މަސައްކަތް އަަވަށްތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް، ރައީސް ޔާމީންގެ ސަރުކާރުގައި ސިޓީ ކައުންސިލުން ބާރު ނަގައި ހައުސިން މިނިސްޓްރީއަށް ދިނުމުން، އެ މަސައްކަތް މުޅިން ހުއްޓިގެން ދިޔަކަމަށް ވިދާޅުވިއެވެ.
ކޮންސްޓްރަކްޝަން ސައިޓުތައް ބަލައި ސަލާމަތީ ފިޔަވަޅު އަޅާފައި އޮތްތޯ ކަށަވަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އާދީއްދަ ދުވަހު މ. ނަލަހިޔާމަންޒިލްގެ މަތިން ބަސްތާއެއް ވެއްޓި އުމުރުން އަށް އަހަރުގެ ކުއްޖެއް ކަމަށްވާ ރައުޝަން ޖިއާން ނިޔާވި ހާދިސާއާ ގުޅިގެންނެވެ.