20 Dec 2018, 14:14
އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކުގެ ތެރެއިން އިމާރާތްކުރުމުގެ ސަލާމަތާ ގުޅޭ ގަވާއިދު އަންނަ ހަފްތާގައި އޭޖީ އޮފީހަށް ފޮނުވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ކޮންސްޓްރަކްޝަން ސައިޓުތައް ބެލުމަށް މިހާރު ކުރިއަށްދާ މަސައްކަތާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، އިމާރާތްކުރުމުގެ ގާނޫނާ ގުޅުވާލެވިގެން ހަދަން ޖެހޭ 14 ގަވާއިދެއް އޮންނަ ކަމަށެވެ. އަދި އެ ގަވާއިދުތައް މި އަހަރުގެ މާޗް މަހާ ހަމައަށް ނިންމާފައި އޮންނަންވާނެކަމަށް ގާނޫނުގައި ބުނެފައި ވީ ނަމަވެސް، އެ ގަވާއިދުތައް އަދިވެސް ހަދާފައި ނުވާކަން އަސްލަމް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ހަދަން ޖެހޭ ގަވާއިދުތަކުގެ ތެރެއިން އިމްރާތްކުރުމުގެ ސަލާމަތީ ކަންކަމާ ބެހޭ ގަވާއިދު ނިންމައި އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ކުރިން އެ ގަވާއިދާ ގުޅޭ ގާނޫނީ ލަފަޔަށް އޭޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ޓާގެޓުކުރަމުން މިދަނީ ފެށޭ ހަފްތާގެ އަންގާރަ ދުވަހާ ހަމައަށް ވާއިރަށް، އެ ގަވާއިދުތަކުގެ ތެރެއިން ތަންތަނުގެ ސަލާމަތްތެރިކަމާ ބެހޭ ގަވާއިދު، އެންމެ އިސްކަމެއް ދީގެން އެ ގަވާއިދު އޭޖީ އޮފީހަށް ފޮނުވަން،"
އަދި އެ ގަވާއިދާ ގުޅޭ އެއްވެސް ކޮމެންޓެއް އޮތްތޯ ބެލުމަށް، އެ ގަވާއިދު އާކިޓެކްޓްސް އެސޯސިއޭޝަނާއި އިންޖިނިއާސް އެސޯސިއޭޝަނަށް ފޮނުވާފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ގަވާއިދާ ބެހޭ ކޮމެންޓެއް އޮތް ނަމަ އަންނަ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން އެންގުމަށް އެދިފައިވާނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކުރިއަށް އޮތް ހަފްތާ ނިމި ދެން އަންނަ ހަފްތާގެ ތެރޭގައި އެ ގަވާއިދު ގެޒެޓު ކުރެވޭވަރު ވާނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އޭގެ އިތުރުން ބާކީ އޮތް ގަވާއިދުތައްވެސް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ނިންމާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ކުރިއަށް އޮތް މަހެއް، ދެ މަހެއްހާ ދުވަސް ތެރޭގައި އިރާދަކުރެއްވިއްޔާ ހުރިހާ ގަވާއިދެއްވެސް އަޅުގަނޑުމެންނަށް ހެދޭނެ،"