20 Dec 2018, 14:01
މިހާތަނަށް ބަލާފައިވާ ކޮންސްޓްރަކްޝަން ސައިޓުތަކުގެ ތެރެއިން 178 ސައިޓުގައި މައްސަލަ އުޅޭ ކަމަށް މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނެފި އެވެ.
ކޮންސްޓްރަކްޝަން ސައިޓުތަައް އިންސްޕެކްޓު ކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ޕްލޭނިން މިނިސްޓްރީގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލޭގެ 167 ސައިޓުގެ ތެރެއިން 104 ސައިޓު ވަނީ އިންސްޕެކްޓުކޮށްފަ އެވެ. އޭގެ ތެރެއިން 69 ސައިޓުގައި މައްސަލަ ހުރެގެން އިސްލާހު ކުރަން އަންގައި އަލުން ޗެކް ކުރަން ވަނީ ނިންމައިފަ އެވެ. އަދި ތިން ސައިޓުގައި ވަގުތުން ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ހުރުމުން މަސައްކަތް ހުއްޓުވަން ވަނީ ނިންމައިފަ އެވެ.
ވިލިމާލޭގެ 18 ސައިޓުގެ ތެރެއިން 16 ސައިޓު ބަލާފައިވާ އިރު އޭގެ ތެރެއިން 15 ސައިޓުގައި މައްސަލަ ހުރެގެން އިސްލާހު ކުރަން އަންގައި އަލުން ޗެކް ކުރަން ވަނީ ނިންމައިފަ އެވެ. ބާކީ ދެ ސައިޓު ބަލަން އޮތް އިރު އަދި އެއްވެސް ސައިޓެއްގައި މަސައްކަތް ވަގުތުން ހުއްޓުވާ ވަރަށް ސަލާމަތީ ކަންކަން ގޯސްކޮށް ނެތެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ހުޅުމާލޭގައި ހުރި 275 ސައިޓުގެ ތެރެއިން 117 ސައިޓު ވަނީ ބަލައިފަ އެވެ. އޭގެ ތެރެއިން 79 ސައިޓެއްގައި މައްސަލަ ހުރެގެން އިސްލާހު ކުރަން އަންގައި އަލުން ޗެކް ކުރަން ވަނީ ނިންމާފަ އެވެ. ބާރަ ސައިޓެއްގައިި ވަގުތުން ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ހުރުމުން މަސައްކަތް ހުއްޓުވަން ވަނީ ނިންމާފަ އެވެ.
އިމާރާތް ކުރުމުގެ މަސައްކަތުގައި ބިދޭސީއަކު --- ސަންފޮޓޯ// އަލީ ނަސީރު
މާލޭ ސަރަހައްދުގައި ހުރި 460 ސައިޓުގެ ތެރެއިން ޖުމްލަ 237 ސައިޓު މިހާރު ވަނީ ބަލާ ނިމިފަ އެވެ. އޭގެ ތެރެއިން 163 ސައިޓު ރަނގަޅު ކުރުމަށް ފުރުސަތު ދީފައިވާ އިރު 15 ސައިޓުގެ މަސައްކަތް ވަނީ ހުއްޓުވާފަ އެވެ.
ފާހަގަ ކުރެވުނު މައްސަލަަތައް:
ސޭފްޓީ ދާ ގަނޑު ރަނގަޅަށް އަޅާފައި ނެތުން
- ބޯޑު ބަހައްޓާފައި ނެތުން
- މަގުމަތީގައި ހުއްދައާ ނުލައި ތަކެތި ބަހައްޓާފައި ހުރުން
- ސައިޓުގެ ވަށައިގެން ފެންސު ޖަހާފައި ނެތުން
- މަސައްކަތް ކުރުމުގައި އަރާ ތިބެވޭނެހެން ހަދާފައި ހުންނަ ތަންތަން ސަލާމަތީ މިންގަނޑުތަކަށް ނުފެތުން
ކޮންސްޓްރަކްޝަން ސައިޓުތައް ބެލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޕްލޭނިން މިނިސްޓްރީ، ހައުސިން މިނިސްޓްރީ، މަލޭ ސިޓީ ކައުންސިލް، އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެޗްޑީސީ ގުޅިގެންނެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، މިހާރު ކުރިއަށްދާ ސައިޓުތައް ބެލުމުގެ މަސައްކަތް ނިމުމުން، އޭގެ ފަހުން ވެސް ދާއިމީ ގޮތެއްގައި ސައިޓުތައް ބަލާނޭ ގޮތް ހަމަޖައްސާނޭ ކަމަށެވެ.
ކޮންސްޓްރަކްޝަން ސައިޓުތައް ބަލައި ސަލާމަތީ ފިޔަވަޅު އަޅާފައި އޮތްތޯ ކަށަވަރު ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު މިދިޔަ އާދީއްދަ ދުވަހު މ. ނަލަހިޔާމަންޒިލްގެ މަތިން ބަސްތާއެއް ވެއްޓި އުމުރުން އަށް އަހަރުގެ ކުއްޖެއް ކަމަށްވާ ރައުޝަން ޖިއާން ވަނީ ނިޔާވެފަ އެވެ.