ފުލުހުންނަށް ލިބިދީފައިވާ ގާނޫނީ ބާރުތަކާއި އިހުތިޔާރުގެ ބޭނުން ހިފުމާ ބެހޭ ގަވާއިދުގެ 44 ވަނަ މާއްދާ ދެވަނަ ފަހަރަށް އިސްލާހުކޮށް މާއްދާއަށް (އ) އިތުރުކޮށް ގެޒެޓްގައި ޝާއިއި ކޮށްފިއެވެ.

ގަވައިދުގެ 44 ވަނަ މާއްދާގެ (ހ) އިސްލާހު ކުރުމުން އެ މާއްދާގައި ބުނަނީ ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ނުވަތަ ބަންދު ކުރެވޭ މީހުންގެ ޑީއެންއޭ އަދި އެހެނިހެން ޓެސްޓްތައް ހަދަން ހަށިގަނޑުގެ އެތެރެއިންނާއި ބޭރުން އެމީހެއްގެ ރުހުމުގައި އެވަގުތަކު އެ ސްޓޭޝަނެއްގެ ޑިއުޓީގައި ހުރި އެންމެ އިސް ފުލުހެއްގެ ހުއްދަ ލިބިގެން ސާމްޕަލް ނެގުމުގެ އިހުތިޔާރު ފުލުހުނަށް ލިބިގެން ވާ ކަމަށެވެ.
އިސްލާހު ކުރި (ށ) ގައި ބުނަނީ މި މާއްދާގެ (ހ) ގެ ދަށުން އެވަގުތަކު އެ ސްޓޭޝަނެއްގެ ޑިއުޓީގައި ހުރި އެންމެ އިސް ފުލުހަކު ހަށިގަނޑުގެ އެތެރެއިންނާއި ބޭރުން ސާމްޕަލް ނެގުމަށް ދީފައިވާ ހުއްދަ ލިއުމުން ރިކޯޑު ކުރަންވާނެ ކަމަށެވެ. އަދި އެ ހުއްދަ އަނގަބަހުން ދެވޭ ހާލަތްތަކުގައި ލަސް ނުކޮށް ލިޔުމުން ރިކޯޑު ކުރަން ވާނެ ކަމަށެވެ.

ގަވައިދުގެ 44 ވަނަ މާއްދާއަށް އިތުރު ކުރި އަކުރު (އ) ގައި ބުނަނީ ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރު ކުރި ކަމަށް ބަލަނީ ވަކި ހަލާތްތަކެއް މެދުވެރި ވުމުންން ކަމަށެވެ.

އެއީ ކުޑަކަމުދާތަކެތި ދޭން އެންގުމުން ކުޑަކަމުދާތަކެތި ނުދޭނެ ކަމަށް ކަނޑައެޅިގެން ބުނުމާއި ކުޑަކަމުދާތަކެތި ދިނުމަށް އެންގުމަށް 24 ގަޑިއިރުގެ ތެރޭގައި ކުޑަކަމުދާތަކެތި ނުދިނުމާއި ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން ކުޑަކަަމުދާތަކެތި ނުދީ ހުރެ އަމިއްލަ ހަށިގަނޑަށް ކުޑަކަމު ދިއުމާއި ކުޑަކަމު ދާތަކެތި ދޭން އެންގުމުން ކުޑަކަމު ދާތަކެތި ނުދީހުރެ ކުޑަކަމުދިއުމާއި ކުޑަކަމުދާތަކެތި ދޭން އެނގުމުން ކުޑަކަމުދާތަކެތި ދިނުމުގެ ތެރޭގައި ގަޑުބަޑު ކުރުން ނުވަތަ ގަޑުބަޑުކުރުމަށް މަސައްކަތް ކުރުމައި ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން ކުޑަކަމުދާ ތަކެތި ދިނުމުގެ ތެރޭގައި ކުޑަކަމުދާތަކެތި ނައްތާލުން ނުވަތަ ނައްތާލުމާއި އެކަމަށް މަސައްކަތް ކުރުމެވެ.

އިސްލާހު ކުރެވުނު މި މާއްދާ ގެޒެޓް ކުރާ ހިސާބުން ފެށިގެން އަމަލު ކުރަން ފަށާ ގޮތަށް ވެސް ވަނީ ހަމައްޖައްސައިފަ އެވެ.