އަންނަ ދިރާސީ އާ އަހަރު ފެށޭ އިރު ހެދުނުގެ ނާސްތާ ޕައިލެޓް ޕްރޮރާމް 25 ސްކޫލެއްގެ ދަރިވަރުންނާއެކު ފެށުމަށް އެޑުއުކޭޝަން މިނިސްޓަރީން ނިންމައިފިއެވެ.

ރާއްޖޭގައި ޖުމްލަ 212 ސްކޫލެއްގައި ކިޔަވައިދެމުން އަންނައިރު، އެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ.

އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، މި ޕްރޮގަރާމް ފެށޭ އިރު 25 ސުކޫލެއްގެ 14،620 ދަރިވަރުނަނަށް ހެދުނުގެ ނާސްތާ ދެވޭނެ ކަމަށެވެ.

އެއީ ކޮންމެ އަތޮޅަކުން އެއް ސްކޫލު، މާލެއިން އެއް ސްކޫލު، ވިލިމާލެއިން އެއް ސްކޫލް އަދި ހުޅުމާލެއިން އެއް ސްކޫލެވެ.

މިނިސްޓަރު ވިދާޅުވީ، ސްކޫލްތައް ފަސް ގިންތިއަކަށް ބަހާލައި، ދަރިވަރުން އެންމެ ގިނަ އާބާދީ ސްކޫލަތަކާއި އެންމެ މަދު އާބާދީ ސްކޫލްތައްވެސް 25 ސްކޫލް ތެރޭގައި ހިމަނާފައިވާނެ ކަމަށެވެ.

ޕައިލެޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމެއް މެދުވެރިކޮށް ދަރިވަރުންގެ ބެލެނިވެރިންގެ ހުއްދަ ހޯދައިގެން ކަމަށާއި އެ ފޯމުގައި ދަރިވަރުން އެއްވެސް ކަހަަލަ އެލާޖިކްވާ ބާވަތެއް ހުންނަތޯވެސް ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނާސްތާއަށް 10 މެނޫއެއް، ވަކިވަކިން ބިޑަށް ހުޅުވާލަނީ

މިނިސްޓަރު ވިދާޅުވީ، މި ޕްރޮގްރާމްގެ ނާސްތާ ކަނޑައެޅިފައިވަނީ ޔުނިސެފް ގެ އެހީތެރެކަމާއެކު ކަމަށާއި ޖުމްލަ 10 މެނޫ އެއް މި ޕްރޮގްރާމަށް އެކުލަވާލެވިފައިވާ ކަމަށެވެ.

"ނާސްތާގެ މެނޫ ތައްޔާރުކުރެވިފައިވަނީ ޔުނިސެފްގެ އެހީތެރިކަމާއެކު، ޔުނިސްފްއިން މެނޫ ތައްޔާރުކުރުމުގައި ކަމާބެހޭ ތަޖުރިބާކާރުންގެ އެހީ ހޯއްދަވާފައިވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ދިހަ މެނޫގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ތިން މެނޫ ދަރިވަރުނަނަށް ލިބޭނެ ކަމަށް މިނިސްޓްރީއިން މައުލޫމާތު ދެއެވެ.

މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ މުހައްމަދު ސައީދު ވިދާޅުވީ، ނާސްތާ ފޯރުކޮށްދިނުމުގެ ހިދުމަތް ދޭނެ ފަރާތްތައް ހޯދުމަށް މިއަދު ބިޑަށް ހުޅުވާލާނެ ކަމަށާއި ކޮންމެ ރަށަކަށްވެސް ބިޑުކުރަނީ ވަކި ވަކިން ކަމަށެވެ.

"ހިދުމަތް ދޭނެ ފަރާތްތައް ހޯދުމަށް މިއަދު ބިޑަށް ހުޅުވާލާނަން. މި ޕްރޮގްރާމަށް ހިދުމަތްދޭނެ ފަރާތްތައް ހޮވުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ހުޅުވާލާ ބީލެމެއްގެ ތެރެއިން،" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހިދުމަތްދޭ ފަރާތްތަކުގެ ސާފުތާހިރުކަމާއި ކާބޯތަކެތީގެ ތާޒާކަން ކަށަވަރުކުރުން ސްކޫލްތަކުގެ ވިލަރެސް ކޮމިޓީތަކުގެ ފަރާތުން ބައްލަވަމުން ގެންދަވާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހުން މިދިޔަ މަހު ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ހެނދުނުގެ ނާސްތާ ދަރިވަރުންނަށް ދިނުމުމަށް 50 މިލިޔަން ރުފިޔާ ހިމަނާފައެވެ.

ހެދުނުގެ ނާސްތާ ދިނުމަށް ހަމަޖެހިފައިވާ ފުރަތަމަ 25 ސްކޫލް:

  1. އަމީނިއްޔާ ސްކޫލް، މާލެ

  2. މަޖީދިއްޔާ ސްކޫލް، މާލެ
  3. އިސްކަންދަރު ސްކޫލް، މާލެ
  4. މުހިއްޔިއްދީން ސްކޫލް، މާލެ
  5. ހުރަވީ ސްކޫލް، ހުޅުމާލެ
  6. ޝަރަފުއްދީން ސްކޫލް، އައްޑޫ ސިޓީ، ހިތަދޫ
  7. ބ. އަތޮޅު ތައުލީމީ މަރުކަޒު، ބ. އޭދަފުށި
  8. މިލަންދޫ ސްކޫލް، ށ.މިލަންދޫ
  9. ފ. އަތޮޅު ތައުލީމީ މަރުކަޒު، ފ. ނިލަންދޫ
  10. އދ. އަތޮޅު ސްކޫލް، އދ. މަހިބަދޫ
  11. ޏ. އަތޮޅު ތައުލީމީ މަރުކަޒު، ފުއަށްމުލަށް ސިޓީ
  12. ޅ. އަތޮޅު ސްކޫލް، ޅ. ކުރެންދޫ
  13. ކ. އަތޮޅު ތައުލީމީ މަރުކަޒު، ކ. ތުލުސްދޫ
  14. ދާންދޫ ސްކޫލް، ގއ.ދާންދޫ
  15. ގދ. އަތޮޅު ތައުލީމީ މަރުކަޒު، ގދ. ތިނަދޫ
  16. ދ. އަތޮޅު. އަތޮޅު ސްކޫލް، ދ. މީދޫ
  17. މާފަރު ސްކޫލް، ނ. މާފަރު
  18. ލ. އަތޮޅު ސްކޫލް، ލ. މާބައިދޫ
  19. ނޭކުރެންދޫ ސްކޫލް، ހދ. ނޭކުރެންދޫ
  20. ރަސްމާދޫ ސްކޫލް، ރ. ރަސްމާދޫ
  21. މާޅޮހު ސްކޫލް، އއ. މާޅޮހު
  22. ބުރުނީ ސްކޫލް، ތ. ބުރުނީ
  23. ވ. އަތޮޅު ސްކޫލް، ވ.ފުލިދޫ
  24. ނާލާފުށި ސްކޫލް، މ.ނާލާފުށި
  25. ޝަހީދު އަލި ތަކުރުފާން ސްކޫލް، ހއ.ތަކަނދޫ