20 Dec 2018, 11:41
އަންނަ އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓު ދޭން ބާއްވާ އެތެރޭގެ ޕްރައިމަރީ އިންތިހާބުގައި ވާދަ ކުރަން 259 ފިރިހެނުންނާއި 21 އަންހެނުން ކުރިމަތިލައިފިއެވެ.
ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު ވިދާޅުވީ ޕްރައިމަރީގައި ވާދަ ކުރަން ކުރިމަތިލީ ޖުމްލަ 280 މީހުން ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 259 ފިރިހެނުންނާއި 21 އަންހެނުން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ފ. ނިލަދޫ ދާއިރާއަށް އެއްވެސް ކެންޑިޑޭޓަކު އެމްޑީޕީން ކުރިމަތި ނުލާ ކަމަށެވެ. އަދި އެންމެ ގިނައިން ކުރިމަތިލާފައި ވަނީ ވިލިމާލޭ ދާއިރާއަށް ކަމަށް ވިދާޅުވިއެވެ. ނުވަ މީހަކު ވަނީ އެމްޑީޕީ ވިލިމާލޭ ދާއިރާގެ ޕްރައިމަރީއަށް ކުރިމަތިލާފައެވެ.
ދިއްދޫ ދާއިރާ، ހޯރަފުށީ ދާއިރާ، ބާރަށު ދާއިރާ، މިލަންދޫ ދާއިރާ، އަލިފުށީ ދާއިރާ، މަހިބަދޫ ދާއިރާ، ފުވައްމުލަކު އުތުރު ދާއިރާ، ގަލޮޅު އުތުރު ދާއިރާ އަދި މާފަންނު އުތުރު ދާއިރާ މި ދާއިރާތަަކަށް ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލީ އެންމެ މީހެކެވެ. އެހެން ކަމުން އެ ދާއިރާތަކުގައި ޕްރިއިމަރީއެއް ނުބާއްވާނެއެވެ.
އެމްޑީޕީން މިހާރު އަންނަނީ އެ ޕާޓީގެ މަަޖިލިސް ޕްރައިމަރީގެ އިންތިޚާބު އަންނަ މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.
އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގައި 87 ދާއިރާއަކަށް މެމްބަރުން އިންތިޚާބު ކުރާނެއެވެ. މިފަހަރުގެ އިންތިހާބުގައި އަލަށް އުފައްދާ މައްޗަންގޯޅި މެދު ދާއިރާ އަދި ހެންވޭރު ހުޅަނގު ދާއިރާ އަށް މެމްބަރުން އިންތިހާބު ކުރާނެއެވެ.