20 Dec 2018, 11:14
ވޮޝިންޓަން(ޑިސެމްބަރު 20): ސިކުނޑީގެ ބައްޔެއްގެ ސަބަބުން ލައިފް ސަޕޯޓުގައި އޮތް ޔަމަނުގެ ދެ އަހަރުގެ ކުއްޖަކު އެންމެ ފަހު ފަހަރު ދެކިލުމަށް، އެކުއްޖާގެ މަންމައަށް އެމެރިކާއަށް ދިޔުމަށް ހުއްދަ ދީފިއެވެ.
މީގެ ތިން މަސް ކުރިން އަބްދުﷲ ހަސަންގެ ފަރުވާއަށް އޭނާ އެމެރިކާއަށް ގެންދިޔައީ ކުއްޖާގެ ބައްޕަ އަލީ ހަސަންއެވެ. އެދަރިފުޅާއި ބައްޕަގެ އެމެރިކާގެ ރަށްވެހިކަން އޮތުމުން އެމީހުންނަށް އެމެރިކާއަށް ވަދެވުނު ނަމަވެސް، ކުއްޖާގެ މަންމަ ޝައިމާ ސުވައިލީއަކީ ޔަމަނުގެ ރައްޔިތެއް ކަމުން އޭނާއަށް އެމެރިކާއަށް ދާން ވިސާއެއް ނުލިބުނެވެ.
ޑޮކްޓަރުން ބުނާ ގޮތުގައި އަބްދުﷲއަށް ޖެހިފައިވާ ބަލީގެ ސަބަބުން އެކުއްޖާގެ ފުރާނައަށް ވަނީ ނުރައްކާވެފައެވެ. އަދި އެކުއްޖާ ސަލާމަތް ކުރެވުމުގެ ފުރުސަތު ކުޑައެވެ.
އޭގެ ސަބަބުން އަލީ ވަނީ 'ދަރިފުޅާ އެންމެ ފަހު ފަހަރު ބައްދަލު ކުރުމަށް' ޝައިމާއަށް ވިސާ ހަމަޖައްސައި ދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕާއި ސްޓޭޓް ޑިޕާޓްމެންޓުގައި އެދިފައެވެ. އަދި އެމެރިކާގެ ކޮންގްރެސްގެ މެމްބަރުންނާއި އިތުރު އެތައް ހާސް މީހުން ވަނީ ޝައިމާއަށް ވިސާ ދިނުމަށް ސަރުކާރަށް ގޮވާލައި އީމެއިލްކޮށް، ޓުވީޓުކޮށް، ސިޓީވެސް ފޮނުވާފައެވެ.

އަބްދުﷲ ހަސަން އާއި އެކު ކުއްޖާގެ ބައްޕަ، އަލީ ހަސަން -- ފޮޓޯ: އޭއެފްޕީ
އޭގެ ސަބަބުން މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަނީ ޝައިމާގެ ވިސާ ހަމަޖައްސަދީފައެވެ. އަދި ރޭ އޭނާ ވަނީ އެމެރިކާއަށް ގޮސްފައެވެ.
"ހުރިހާ އާއިލާތަކަށް ވެސް އެއްކޮށް އުޅެވެން ޖެހޭނެ. އެއްވެސް މީހަކު ބާކީކޮށްގެން ނުވާނެ،" އަލީ ހަސަން ބުންޏެވެ.
މީގެ ކުރިން އަބްދުﷲގެ އާއިލާއިން ދިރިއުޅެމުން އައީ މިސްރުގައެވެ. ޔަމަނުގެ ހަނގުރާމައިން ސަލާމަތްވުމަށް އެމީހުން އެގައުމަށް ބަދަލުވީ އަބްދުﷲގެ އުމުރުން އަށް މަހުގައެވެ.
މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކުން އެމެރިކާއަށް މީހުން ދިޔުން ހުއްޓުވުމަކީ ރައީސް ޓްރަމްޕްގެ ކެމްޕެއިން ވައުދެކެވެ. އަދި ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއް ފަހުން އެފަދަ އަމުރެއް ނެރުއްވިއެވެ.
އެއަމުރު ކޯޓުތަކުން އެކި ފަހަރު މަތިން ހުއްޓުވި ނަމަވެސް، މިދިޔަ ޖޫން މަހު ސުޕްރީމް ކޯޓުން ވަނީ ބައެއް ބަދަލުތަކެއް ގެނެސްފައިވާ އެއަމުރަށް ތާއިދުކޮށްފައެވެ.
އެގޮތުން އެމެރިކާއަށް އެތެރެވުން މަނާކޮށްފައި ވަނީ ސޯމާލިއާ، ސީރިއާ، އީރާން، ޔަމަން، ލީބިޔާގެ އިތުރުން އުތުރު ކޮރެއާ އަދި ވެނަޒުއޭލާއަށް ނިސްބަތްވާ ރައްޔިތުންނެވެ.