ތިން ފުށުއެރުމަކާ އެކު މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު] ޖީއެސްޓީ[ އަށް އަމަލު ކުރަން ފަށައިފި އެވެ.

ސުން ޕަސެންޓުން ޖީއެސްޓީ ނެގުމަށް ކަނޑައަޅާފައިވާ 21 އައިޓަމެއް ފިޔަވައި، މިއަދު ގާނޫނަށް އަމަލުކުރަން ފެށި އިރު، އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނުގެ ދަށުން ވެސް ގިނަ ބާވަތްތަކެއްގެ ޑިއުޓީ އަންނަނީ ނަގަމުންނެވެ.

އެގޮތުން އާންމުކޮށް ބޭނުންކުރާ އައިޓަމުތަކުގެ ތެރެއިން، ތަރުކާރީ އާއި މޭވާ އާއި ކޮފީ، ސައިފަތާއި ގޮވާމުގެ ބައިތަކާއި އެއްގަމު މަހުންނާއި ހަކުރުގެ ބާވަތްތަކުން 15 ޕަސެންޓްގެ ޑިއުޓީ ނަގަ އެވެ. އަދި ޑީސަލާއި ކައްކާ ގޭހާއި ޕެޓްރޯލުން 10 ޕަސެންޓްގެ ޑިއުޓީއެއް ނަގަ އެވެ.

ޖީއެސްޓީ ގާނޫނަށް އަމަލު ކުރަން ފެށި އިރު ކޮންސިއުމަރަށް ފުށުއަރައިފާނެ ކަމަށް ވަރަށް ގިނަ ފަރާތްތަކުން ބުނާ އަނެއް ބަޔަކީ ހޯލްސޭލަރުން ރީޓޭލަރަށް ވިއްކާ އިރު، ޖީއެސްޓީ ނެގުމާއި އަދި ރީޓޭލަރުން ކޮންސިއުމަރަށް ވިއްކާ އިރު ޖީއެސްޓީ ނެގުމުން، ޖީއެސްޓީ ޑަބަލްވުމުގެ މައްސަލަ އެވެ.

ނަމަވެސް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ]މީރާ[ ޑައިރެކްޓަރު އޮފް ޓެކްސްޓޭޝަން ފަތުހުﷲ ޖަމީލު މިއަދު ވިދާޅުވީ އެކަން އެހެން ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މީރާ އަށް ޖީއެސްޓީ ލިބޭނީ އެންމެ ފަހުން މުދާ ގަތް ފަރާތުން ދައްކާ ޖީއެސްޓީ ކަމަށާއި ހޯލް ސޭލަރު ފުރަތަމަ ނަގާ ޖީއެސްޓީ، އެ ތަނަކުން ފައިސާ ދައްކާނީ އެ އަދަދު ކަނޑާފައި ކަމަށެވެ.

ނަމަވެސް ފައިނަލް ކަސްޓަމަރަށް މުދާ ލިބޭ އިރު، ޖީއެސްޓީ ޑަބަލްވާނެ ނޫންތޯ ދެންނެވުމުން އޭނާ އެކަމަށް ވަކިއެއްޗެއް ވިދާޅުނުވެ، ވިދާޅުވީ އެކަން އެހެން ދިމާވާނީ ވިޔަފާރިވެރިޔާ އަގު ހަދާ ގޮތެއްގެ މައްޗަށް ކަމަށެވެ.

ޖީއެސްޓީ ގާނޫނު ފާސްކޮށްފައި ވަނީ 17 އައިޓަމަކުން ޖީއެސްޓީ މައާފުވާ ގޮތަށެވެ. އެ އައިޓަމްތަކުގެ ތެރޭގައި ހަނޑޫ، ހަކުރު، ފުށް، ލޮނު، ކިރު، ކުކިން އޮއިލް، ބިސް، ސައިފަތް، ކަނޑުމަހާއި ފަރުމަސް، އަލުވި، ފިޔާ، ހަވާދު، ރުކުން އުފައްދާ ބާވަތްތައް، ކެރެޓް، ކެބެޖް، ތޮޅި އަދި ޓޮމާޓޯ، މޭވާ، ޕާން، ކުޑަކުދިންނާއި ބޮޑެތި މީހުންގެ ނެޕީ، ތުއްތު ކުދިންގެ ކާނާ، ކައްކާ ގޭސް، ޑީސަލް، ޕެޓްރޯލް ހިމެނެ އެވެ.
ނަމަވެސް އެ ބާވަތްތަކުގެ ތެރެއިން ގޮދަން ފުށާއި ހަނޑޫ ފިޔަވައި ހުރިހާ އައިޓަމަކުން އަންނަނީ އިމްޕޯޓް ޑިއުޓީ ނަގަމުންނެވެ.
ޖީއެސްޓީއާ އެކު އިންފްލޭޝަން އިތުރަށް އުފުލިދާނެ ކަމަށް މޯލްޑިވްސް ޗެމްބަރު އޮފް ކޮމާސް އިން ވަނީ ބުނެފަ އެވެ.