ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަޙައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފްއިން ބުނީ ގދ. ގައްދޫގެ އިރު ދެކުނުން 42 މޭލު ބޭރުން ފެނުނު "އޮޝާދީ 1" ނަމަކަށް ކިޔާ ސްރީލަންކާގެ އެ މަސްބޯޓު ފެނިގެން އެމްއެންޑީއެފް ސަދަން އޭރިއާއަށް ރިޕޯޓު ކުރީ އިއްޔެ 13:12 ހާއިރު ކަމަށެވެ.

އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް އެސަރަހައްދަށް ވަނީ ގޮސްފައެވެ.

އެމްއެންޑީއެފް އިން ބުނީ އެ މަސްބޯޓު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިއްޔެ ހަވީރު 16:30 ހާއިރު ކަމަށެވެ. އެ ބޯޓުގައި އެވަގުތު ސްރީލަންކާއަށް ނިސްބަތްވާ ހަ ފަޅުވެރިން ތިއްބެވެ.

ލަންކާގެ މަސްބޯޓު ފެނިގެން ރިޕޯޓު ކުރީ އެސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ "ވާދީ" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެ ބޯޓު، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ރޭ 23:40ގައި ޏ. ފުވައްމުލަކަށް ގެންގޮސް، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.