19 Dec 2018, 23:59
މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ އާ އިންތިހާބު މި މަހު 27 ގައި ބާއްވަން ނިންމައިފިއެވެ.
އެ އިންތިހާބަށް ކުރިމަތިލުމަށް މި މަހުގެ ފަސް ވަނަ ދުވަހު ހުޅުވާލި ފުރުސަތު ހަމަވީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްއެފްއޭގެ އެކްސްކޯ އަށް ކުރިޔަށް އޮތް ދެ އަހަރަށް އިންތިހާބު ކުރާނީ ޗެއާ، ވައިސް ޗެއާ، ހަޒާންދާރު ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ތިން މެމްބަރުންނެވެ.
އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ޗެއަރ ޕާސަނަކަށް ކުރިމަތިލީ އެކްޓަރު އަލީ ސީޒަން އާއި ކެމެރާމަން ޝިވާޒް އަބްދުﷲ (މާސްކޭ) އެވެ.
ފިލްމެއްގެ ޓުރެއިލަރ އަދި ޕޯސްޓަރު ރިލީޒްކުރުމަށް ބޭއްވި ހަފްލާއެއްގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ވައިސް ޗެއާ ޕާސަންގެ މަގާމަށް ކުރިމަތިލާފައިވަނީ ބަތަލާ ނިއުމާ މުހައްމަދާއި އެކްޓަރު އަބްދުﷲ މުއާޒު އެވެ. މުއާ ވަނީ ނިމިގެން ދިޔަ ދައުރުގައިވެސް ވައިސް ޗެއާގެ މަގާމުވެސް ފުރިހަމަކޮށްފައެވެ.
ކުރިޔަށް އޮތް ދެއަހަރުގެ މަގާމްތަކަށް ބަލައިލާއިރު ހަޒާންދާރުގެ މަގާމަށް ވެސް ވަނީ ދެ ފަރާތަކުން ކުރިމަތިލާފައެވެ. އެއީ މަޝްހޫރު ނެށުންތެރިޔާ އަދި ފެޝަން ޑިޒައިނަރު ޖާދުﷲ އިސްމާއީލާއި އިބްރާހީމް ރިޔާޒް (ރިޔާ) އެވެ.
އާ ބޯޑުގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލީ މަޝްހޫރު ފިލްމީތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އެކަންޏެވެ. އެ މަގާމަށް އޭނާ އެކަނި ކުރިމަތިލާފައިވާތީ އިންތިހާބަކާ ނުލައި ޔޫއްޕެ އަށް މިހާރު ވެސް ވަނީ އެ މަގާމު ޔަގީންވެފައެވެ.

ފިލްމީ ތަރިންތަކެއް ފިލްމެއްގެ ޕްރޮޑަކްޝަން މަސައްކަތުގައި -- ފޮޓޯ: ފޭސްބުކް
ބޯޑު މެމްބަރުންނަށް މި ފަހަރު ކުރިމަތިލާފައިވާ މެމްބަރުންނަކީ އެކްޓަރު އަހުމަދު ޒިޔާ، ކުރީގެ ބަތަލާ ވަލީދާ ވަލީދު، ކުރިން ވެސް ބޯޑު މެމްބަރުންގެ ތެރޭގައި ހިމެނުނު އެކްޓަރު މުހައްމަދު މަނިކުގެ އިތުރުން އަލީ ޝާނީޒް އެވެ.
އެމްއެފްއޭގެ އިންތިހާބު މި ފަހަރު ބާއްވަނީ އެކަމަށް އެކުލަވައިލި ފަސް މެމްބަރުންގެ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.
އެ ކޮމިޓީގައި ހިމެނެނީ ފިލްމީ ތަރި މުހައްމަދު ރަޝީދު (ދަރާ) އާއި މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) އާއި އިބްރާހީމް ރަޝީދު (ބުރޯ) އާއި މަޝްހޫރު ފޮޓޯގްރާފަރު ނިޝާން (މިލްޒީރޯ) އަދި ނަސީރެވެ.