20 Dec 2018, 09:50
ޒުވާން ވާހަކަ ލިޔުންތެރިން ވަރަށް ގިނަ ވެއްޖެއެވެ. އެ ލިޔުންތެރީންގެ ވާހަކަތައް ކޮންމެވެސް ގޮތަކަށް އެހެންމީހުންނަށް ކިޔާލަން ލިބޭނެ ގޮތަށް މިހާރު ކޮންމެވެސް ވާހަކަ ސައިޓަކަށް ނުވަތަ އެފަދަ ވަސީލަތެއް މެދުވެރިކޮށް ޝާއިއު ކުރެއެވެ. ނުވަތަ ފޮތް ނެރެ ވިއްކަން ފަށައެވެ.
"ސަން" އޮންލައިންގައި ވާހަކަ ލިޔާ ލިޔުންތެރިންނަކީ ވާހަކަ ކިޔާ މީހުންނަށް ވަރަށް މުހިއްމު ބައެކެވެ. ލިޔުންތެރިންގެ ރީތި ވާހަކަތަކަށް ކިޔުންތެރީން ތިބެނީ އަބަދުވެސް އިންތިޒާރުކޮށް ކޮށެވެ. "ނެކްސްޓް" އެޕިސޯޑަށް އެދިއެދިއެވެ.
ސަންގެ ކިޔުންތެރީންނަށް ދެން މިއޮތީ އުފާވެރި ހަބަރެކެވެ. "ސަން"އަށް މުޅިން އާ ވާހަކަ ލިޔުންތެރިއެއްގެ އާ ވާހަކައެއް އަންނަނީއެވެ. މަރިޔަމް ހިމްނާ (ހިމީ)ގެ "މާފުކުރާށޭ ލޯބިވާ" އެވެ.
ހިމީގެ އެ ވާހަކަ ގެނެސްދޭން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ. އެ ވާހަކައިގެ އާ އެޕިސޯޑެއް ކޮންމެ ހޮނިހިރު، އަދި އަންގާރަ ދުވަހު "ސަން"ގައި ޝާއިއުކުރާނެއެވެ.
މިހާ ހިސާބުން "މާފުކުރާށޭ ލޯބިވާ"ގެ ކުރު ހުލާސާއެއް ލިޔެލާނަމެވެ.
މާފުކުރާށޭ ލޯބިވާ
މިއީ ނުހިނގޭ އަންހެން ކުއްޖެއްގެ ހަޔާތުގެ މައްޗަށް ލިޔާ ވާހަކައެކެވެ.
"އަނާލްގެ މާޒީގައި ހިނގާފައިވާ ކަންތައްތަކެއްގެ ސަބަބުން ނަފްސާނީ އެތައް މައްސަލަތަކެއް ދިމާވެ، ދިރިއުޅުން އެފުށް މިފުށަށް ޖެހިފައިވީ ނަމަވެސް ކުރަމުން ދިޔަ ހިތްވަރަށް ބަދަލެއް ނާދެއެވެ. ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވުމަށްޓަކައި ދެކެމުން އައި ހުވަފެންތަކުގައި ކުލަޖެއްސުމަށް ގަދަ އަޅައި މަސައްކަތް ކުރަމުން ދިޔައީ ކެތްތެރިކަމާއެކުއެވެ.
މާޒީގައި އެ ހިނގި ހިތާމަވެރި ހާދިސާގެ ސަބަބުން ނަފްސާނީ ގޮތުން އެތަކެއް ގެއްލުމެއް ލިބި މީހާގެ ނަފްސުގެ ހަމަޖެހުން ނަގާލާފައިވީ ނަމަވެސް އެ ހިތުގައި ކަނޑަ އަޅާފައިވީ އަޒުމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ކުރިޔަށް ފިޔަވަޅު އަޅަނީ ހިނިތުންވަމުންނެވެ. މުޖްތަަމައުގައި ހުރި ތަފާތު މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ބޮޑު މަސައްކަތެއް ފަށަނީ އަނާލް ފަދަ އެތައް ކުދިންނަކަށް ހިތްވަރުދީ މުޖްތަމައުގައި އެމީހުން ވެސް ބާކީވެ ދިޔަ ނުދިނުމުގެ މާތް މަގުސަދުގައެވެ.
ނުހިނގުނު ކަމުގައި ވީނަމަވެސް އޭނާއަށް ވެސް ކާމިޔާބު މީހަކަށް ވެވިދާނެ ކަމާމެދު އޭނާ ޝައްކެއް ނުކުރެއެވެ. މަސައްކަތުގައި އަނާލް އާއެކު ބައިވެރިވާ ޒުވާނާއަކީ ވެސް ހިތި މާޒީއަކާއެކު ސިއްރުތަކުން ފުރިފައިވާ ޒުވާނެކެވެ.
ކަންތައްތައް ހީވެސް ނުކުރާ ގޮތަކަށް ބަދަލުވެ އެތައް ބައެއްގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދަނީ ލޯ ކުރިމަތީގައެވެ.
މީގެ އިތުރުން މި ވާހަކައަކީ އާއިލީ އެތައް މައްސަލަތަކެއް ހިމެނޭ އެތައް ބަޔެއްގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދޭނެ ވާހަކައެކެވެ.
ހުލާސާއިން ވެސް ވާހަކަ އަށް ޝައުގުވެރިކަން އުފެއްދިފައިވާނޭކަން ކަށަވަރެވެ. މި ވާހަކައަކީ ކިޔުންތެރީންނަށް ކަމުދާނެ އަދި ކިޔާ ހިތުން ކިޔާނެ ވާހަކަ އަކަށް ވާނެ ކަމުގެ ޔަގީންކަން ހިމްނާ ދެއެވެ.
ސްކޫލް ދައުރުގައިވެސް ވާހަކަ ލިޔުމަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން ފޮތް ފޮތުގެ އިތުރުން ލެޕްޓޮޕްގައި ވެސް ވާހަކަ ލިޔެ ރައްކާކޮށްފައި ބެހެއްޓި ކަމަށް އޭނާ ބުނެއެވެ. ރަސްމީކޮށް ހިމްނާގެ ވާހަކަތައް ކިޔުންތެރިންނަށް ކިޔާލަން ދޫކޮށްލާތާ އަދި މިވީ އަހަރެއްހާ ދުވަހެވެ.
އޭނާގެ ވާހަކަތައް މީގެ ކުރިން ވާހަކަ ސައިޓެއްގައި ވަނީ އާންމުކޮށްފައެވެ. "އާދޭސް ކުރާ ހިތްވޭ ރޮމުން" އާއި، "ހިތް އެދުނަސް" އަދި " ވާނަން އެކުގާ" އެއީ ކިޔުންތެރީންގެ މެދުގައި މަގުބޫލުވި ހިމީގެ ބައެއް ވާހަކަތަކެވެ.
ހިމީއަށް މިހާތަނަށް ލިޔެވުނު އެންމެ ކާމިޔާބު އަދި އެންމެ ރީތި ވާހަކައެއް ކަމަށް އޭނާ ގަބޫލުކުރަނީ " ހިތާ ފުރާނައިން"އެވެ. އެ ވާހަކައަކީ މިފަދަގޮތަކަށް ކިޔާލަން ހިމީ ދޫކޮށްލި އޭނާގެ ފުރަތަމަ ވާހަކަ ވެސް މެއެވެ.