ގދ. ތިނަދޫ ހާޑްވެއާ ފިހާރަ އެއްގެ ތެރޭގައި ފިލާ އޮވެ ވައްކަން ކުރި ބިދޭސީއަކު ހައްޔަރުކޮށް، އެރަށު އެހެން ފިހާރައަކުން ވައްކަން ކުރި ބައެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ތިނަދޫ "ޑީއެމްއެން" ފިހާރައިގެ ތެރޭގައި ފިލައި އޮވެ ވައްކަން ކުރި ބިދޭސީއަކު ހައްޔަރުކޮށް އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

ތިނަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށުގައި މަސައްކަތްކުރާ ބިދޭސީ މީހާ، އެ ފިހާރައިން 20،000ރ. ވަގަށް ނަގާފައިވާ ކަމަށެވެ. ތިނަދޫ މީހާ ބުނީ، ފުލުހުން ހައްޔަރުކުރި ބިދޭސީ މީހާ ޑީއެމްއެން ފިހާރައިގެ ތެރޭގައި އޮވެގެން ވައްކަން ކުރި މަންޒަރު އެ ފިހާރައިގެ ކެމެރާތަކަށް ރިކޯޑްވެފައި ހުރި ކަމަށެވެ.

ފުލުހުން ބުނީ ބިދޭސީ މީހާ އެ ފިހާރައިން ވަގަށް ނެގި ފައިސާ އަދަދު އަދި ޔަގީން ނުވާ ކަމަށާއި ޑީއެމްއެން ފިހަރައިގެ ތެރެއަށް ވަދެ އެމީހާ ފިލައި އޮތީ ކިހިނެތް ކަން ވެސް އަދި ސާފުކޮށްދެވެން ނެތް ކަމަށެވެ.


ވައްކަމުގެ ދެ ވަނަ ހާދިސާގައި ވަގު ވަދެފައި ވަނީ ތިނަދޫ ޒަމާނީ ޝޮޕަށެވެ. މިދިޔަ އަންގާރަ ދުވަހު ފަޅައިލި އެ ފިހާރައިން ވެސް ގިނަ އަދަދެއްގެ ފައިސާއާ ބައެއް ސާމާނު ވަގަށް ގެންދިޔަ އެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން ފުލުހުން އެއްވެސް މީހަކު ހައްޔަރު ކޮށްފަ އެއް ނުވެއެވެ.
ފުލުހުން ބުނީ މައްސަލަ ބަލަމުން އަންނާތީ އިތުރު ތަފްސީލު މިވަގުތު ދެވެން ނެތް ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ޒަމާނީ ޝޮޕުން ވެސް 9،000ރ. ވަގުން ގެންދިޔަ އެވެ.

މި ދުވަސްކޮޅު ތިނަދޫގެ ގޭގައިންނާ ފިހާރަތަކުން ވައްކަން ކުރުން އިތުރުވެފައިވާ ކަމަށް އެރަށު ބައެއް މީހުން ބުނެ އެވެ. ތިނަދޫގައި ވައްކަން ކުރުން އިތުރު ވެގެން މިދިއަ ރޯދަ މަހު ހާއްސަ އޮޕަރޭޝަނެއް ވެސް ހިންގި އެވެ.