ސްރީލަންކާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުން ހިންގަން އުޅުނު، 20 ރަށެއްގެ ނަރުދަމާގެ މަޝްރޫއު ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ އެންގުމަށް ފުރިހަމައަށް އެއްބާރުލުންދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ 20 ރަށެއްގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ރައީސުލްޖުމްހުރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު ކުރެވުނު މުއާމަލާތްތަކުގައި، ފެނަކަ އަކީ އެފަދަ ބޮޑު މަޝްރޫއެއް ހިންގުމަށް މާލީގާބިލުކަން ނެތް ކުންފުންޏެއް ކަމުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ކުންފުންޏަށް ދެމެހެއްޓެނިވި ފަިއދާ އެއް ނުކުރާނެކަން ފާހަގަކޮށްފައިވާނެ ކަމަށާއި ކުންފުނި އޮތް ހާލަތުން ބޮޑު ލޯނެއް ނަގައިފިނަމަ ކުންފުންޏަށްފައިދާ ކުރާނެ ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި "އެކްސްޓަރނަލް ފައިނޭންސް" ހަމަޖެއްސުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭނެކަމަށް އޭރު ދަންނަވާފައިވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

"އަދި މި ކުންފުންޏަކީ މާލީ ޤާބިލްކަން ނެތް ކުންފުންޏަކަށް ވާއިރު، މާލީ ގޮތުން މިފަދަ ބޮޑު މަޝްރޫޢުއެއް ހިންގާނަމަ މި ކުންފުނި ބަނގުރޫޓްވުމަކީ އެކަށީގެންވާ ކަމެއްކަމަށް މި ކުންފުންޏަށް ޤަބޫލްކުރެވޭކަން ކަމާބެހޭ ފަރާތްތަކުގައި ދެންނެވިފައި ވާނެއެވެ. "ފެނަކައިގެ ބަޔާނުގައި ވެއެވެ.

ވިހި ރަށެއްގައި ނަރުދަމާ އެޅުމަށް ލަންކާގެ ކުންފުންޏަކާ ހަވާލުކުރީ މިދިޔަ ޖުލައިމަހުއެވެ. އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ގޮތަށް ކުރިއަށް ގެންގޮސްފި ނަމަ، ދައުލަތަށް އަދި ފެނަކަ ކޯޕަރޭޝަނަށް ބޮޑު ގެއްލުމެއްކާ ކުރިމަތިވެދާނެތީ އޭސީސީ އިން ވަނީ އެ މަޝްރޫއު ހުއްޓާލުމަށް މިމަހުގެ 17 ގައި އަންގައިފައެވެ.