އިންޑިއާގައި ބާއްވާ ބައިނަލްއަގުވާމީ މެންޓަލް މެތްސް މުބާރާތެއްގައި ބައިވެރިވުމަށް 21 ދަރިވަރަކު ފުރައިފިއެވެ.

މި މުބާރާތަކީ އިންޑިއާގެ މެންޓަލް މެތަމެޓިކްސްގައި މަޝްހޫރު ކުންފުންޏެއްކަމަށްވާ ސްމާޓްކިޑް އެބަކަސް ލާނިން ސެންޓަރުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ.

އެބަކަސް މުބާރާތް އޮންނާނީ އަންނަ ހޮނިހިރު ދުވަހު އިންޑިއާގެ ޕޫނޭގައެވެ. މި މުބާރާތުގައި ދުނިޔޭގެ އެކި ގައުމުތަކުން 2000 އަށް ވުރެ ގިނަ ކުދިން ވާދަކުރާނެއެވެ.

މި މުބާރާތުގައި ބައިވެރިވާ ދިވެހި ކުދިންނަކީ ސްކިލް ހެޓްސް ޖީނިއަސް' ގެ ދަރިވަރުންނެވެ.

ސްކިލް ހެޓްސްގެ މާކެޓިން މެނޭޖަރ އަބުދުލް ޖަލީލު ވިދާޅުވީ "މި މުބާރާތުގެ ސަބަބުން ދިވެހި ދަރިވަރުންގެ ކުޅަދާނަކަން ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ދައްކާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

" އޭގެ ސަބަބުން އެ ކުދިންގެ ސެލްފްކޮންފިޑެންސް އިތުރުވެ އެކި އެކި ފަންނުތަކުގައި ކުރިއަށްދިއުމުގެ ރޫހު އާވާނެ. އަދި ޓީމެއް ގޮތަށް އެކީގައި މަސައްކަތްކޮށްލުމަކީ ވަރަށް ރަނގަޅު ތަޖުރިބާއަކަށްވާނެ" އޭނާ ވިދާޅުވިއެވެ.

ސްކިލް ހެޓްސް ޖީނިއަސް އަކީ ސްމާޓްކިޑް އެބަކަސްގެ މެންޓަލް މެތަމެޓިކްސް ޕްރޮގްރާމްތައް ރާއްޖޭގައި ހިންގާ އިންސްޓިޓިއުޓެވެ.

މެންޓަލް މެތަމެޓިކްސް އަކީ ހިސާބު ޢިލްމަށް ކުއްޖާ މޮޅުކޮށްދީ ކުއްޖާގެ ވިސްނުމާ ހުނަރު ކުރިއަރުވާދީ ހިތުން ހިސާބު ހެދުމަށް ކުއްޖާގެ ސިކުނޑި ފަރިތަކޮށްދޭ އިލްމެކެވެ. މިޕްރޮގްރާމްގެ ސަބަބުން ކުއްޖާގެ ލިޔުމުގެ ސްޕީޑާ، ކަންކަން އަވަހަށް ދެނެގަތުމުގެ ބާރު އިތުރުކޮށްދޭނެއެވެ. އަދި ހިސާބު އިލްމުގެ ނަޒަރިއްޔާތުތައް މަސައްކަތްކުރަނީ ކިހިނެއްކަން ކުދިންނަށް ދަސްވާނެއެވެ.