19 Dec 2018, 19:55
މިމަހުގެ ފަސްވަނަ ދުވަހު މާލެއަށް ކުރި ވިއްސާރާގައި ގެއްލުން ލިބުނު ގެތަކަށް ފައިސާ ދޫކުރަން ފަށައިފިއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު ސެންޓަރު (އެންޑީއެމްސީ) އިން ބުނީ ވިއްސާރާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް އަމިއްލަ ކުންފުނިތަކުން 1.3 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފައިވާކަމަށެވެ.
"މިއަދު މެންދުރު ދައިސާ ދޫކުރަން ފަށައިފިން. މިހާތަނަށް 24 ގެއެއްގެ ވެރިފަރާތް މި އިދާރާ އަށް ހާޒިރުކޮށް ފައިސާ ހަވާލު ކުރެވިއްޖެ،" ޑިޒާސްޓާ މެނޭޖުމެންޓުގެ ޕްރޮޖެކްޓް ޑިރެކްޓަރު ހިސާން ހަސަން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ފައިސާ ހަވާލުކުރަމުންދަނީ ގޭގެ ވެރިފަރާތަށް ގުޅައިގެން އެ އިދާރާއަށް ހާޒިރުކޮށް ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ. މާދަމާވެސް ފައިސާ ހަވާލުކުރުމުގެ ކަންތައް ކުރިއަށްގެންދާނެކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ވިއްސާރާގައި ގެއްލުން ލިބުނު ގެތަކަށް އެހީ ދިނުމުގައި ލަސްކޮށްފައި ނުވާނެ ކަމަށެވެ. އެގޮތުން 200 އަށް ވުރެ ގިނަ ގެއެއްގެ ޑެމޭޖު އެސެސްމެންޓު ހަދައި އިވެލުއޭޓު ކުރުމަށްފަހު ގެތަކަށް ދޭންވާ ފައިސާގެ އަދަދު ކަނޑައަޅާ، ފައިސާގެ އެހީ ފޯރުކޮށްދެން ފެށިފައިވާކަން ހިސާން ފާހަގަ ކުރެއްވިއެވެ.
"ގޭގެއަށް ފައިސާ ދޫކުރުމުގައި ދިމާވާ ބައެއް ގޮންޖެހުންތައް އެބަހުރި. ގެއަކަށް ގެއްލުން ވެގެން ފައިސާ ބަހާއިރު އެގޭގައި ދިރިއުޅޭ އެކިއެކި ބިސީތައް އެބަހުރި. އެ ގެއަކަށް ލިބުނު ޑެމޭޖު އެސެސްމެންޓު ހަދާފައި، އެކި ބިސީތަކަށް ފައިސާ ބަހާ އުސޫލެއް ނޫން މި އޮންނަނީ،" ހިސާން ވިދާޅުވީ ފައިސާ ހަވާލުކުރާ ފަރާތް ކަށަވަރު ކުރުމަށް އިތުރ ޕްރޮސެސް އެއް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
ލިބުނު ގެއްލުންތައް ދިރާސާކޮށް ބަދަލު ދޭންޖެހޭ އަދަދަށް ބަލަޢިރު އެންމެ ބޮޑު އަދަދެއްގެ ފައިސާގެ އެހީގެ ގޮތުގައި ލިބޭ ގެއަށް 45،000 ރުފިޔާ ލިބޭނެ ކަމަށް ހިސާން ވިދާޅުވިއެވެ.
ވިއްސާރާގައި ގެއްލުންވި 127 ގެއަކަށް ފައިސާގެ އެހީދޭން ނިންމާފައިވާއިރު އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އަމީނީ މަގާއި އައިޖީއެމްއެޗް ސަރަހައްދު އަދި ވެސްޓު ޕާކު ސަރަހައްދުގައި ހުރި ގެތަކަށް ކަމަށް ޑިޒާސްޓާ މެނޭޖުމެންޓުން ބުންޏެވެ.