މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ދަށުން ހިންގާ "ޑިޕާޓްމަންޓް އޮފް ސްޕެޝަލް ނީޑްސް އެޑިޔުކޭޝަން" ގެ ނަން "ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން" ގެ ނަމަށް ބަދަލުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ އެ ޑިޕާޓުމެންޓުގެ ނަން ބަދަލުކުރީ މިމަހުގެ 13 ވަނަ ދުވަހު ކަމަށެވެ. ނަން ބަދަލުކުރުމުގެ އިތުރުން އެ ޑިޕާޓުމެންޓުގެ ބައެއް މަސައްކަތްތަކަށްވެސް ވަނީ ބަަދަލު ގެނެސްފައެވެ.

މިގޮތުން ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުގެ މަސައްކަތްތަކުގެ ތެރޭގައި ގައުމީ މަންހަޖާ އެއްގޮތަށް ހުރިހައި ދަރިވަރުން ޝާމިލުކޮށްގެން ދެވޭ ތަޢުލީމު ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމުތައް ފަރުމާކޮށް، ރާވައި ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ސްކޫލުތަކަށް ފޯރުކޮށްދިނުން ވަނީ ހިމަނައިފައެވެ. މީގެ އިތުރުން ރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން، ތަޢުލީމާއި ތަމްރީނުގެ ހަމަހަމަ ފުރުސަތުތައް ހުރިހައި ދަރިވަރުންނަށް ފޯރުކޮށްދިނުމަށް، އިންކްލޫސިވް އެޑިޔުކޭޝަންގެ މިންގަނޑުތަކާ އެއްގޮތަށް އުނގަންނައިދިނުމަށް ބޭނުންވާނެ އެންމެހައި ވަސީލަތްތައް ޤާއިމުކުރުން ވެސް ވަނީ އެ ޑިޕާޓުމެންޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމަނައިފައެވެ.

އަދި، "އާރލީ އިންކްލޫޝަން" އަދި "އާރލީ އިންޓަވެންޝަން" ގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހަރުދަނާ ރެފަރަލް ނިޒާމެއް ޤާއިމުކުރުމާއި ފަންނީ އެހީތެރިކަން ސްކޫލުތަކަށް ފޯރުކޮށްދިނުމާއި، އިންކުލޫސިވް އެޑިޔުކޭޝަނުގެ ދާއިރާއިން ރާއްޖޭގައި ހިންގާ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިނގާގޮތް ބަލައި ވަޒަންކޮށް ދޭންޖެހޭ ފަންނީ ލަފާދީ، އިންކްލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން ޓީޗަރުންނާއި ފެސިލިޓޭޓަރުން ތަމްރީންކުރުމާއި، މި ފަރާތްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ތަމްރީނުތައް ދާއިމީގޮތެއްގައި ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުންވެސް އެ ޑިޕާޓުމެންޓުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތަކަށް ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ ތަންތަން ފަރުމާކުރުމަށް ބާރުއެޅުމާއި، ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އުނގެނުމަށް އެޅޭ ހުރަސްތައް ކުޑަކުރުމަށާއި ޝާމިލުކުރުމުގެ ސަގާފަތެއް އުފެއްދުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއައްސަސާތަކާއި ޖަމްއިއްޔާ ޖަމާއަތްތަކާއެކު މަސައްކަތްކުރުމާއި އެހީތެރިކަން ފޯރުކޮށްދީ، އިންކްލޫސިވް އެޑިޔުކޭޝަނުގެ ދާއިރާއިން ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމާބެހޭ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީވެސް މި އިދާރާގެ މަސައްކަތްތަކުތެރޭގައި ހިމެނޭ ކަމެކެވެ.