ޖަލުތަކުގެ އޮޑިޓު ހެދުމަށް ހޯމް މިނިސްޓްރީ އިން އިއްޔެ އެކުލަވާލި ކޮމިޝަނުގެ މެންބަރުންނާ ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު އިމްރާނު ވިދާޅުވީ ޖަލުތައް އޮޑިޓު ކުރުމަކީ މުޅި މުޖުތަމައުގެ މަސްލަތާ ގުޅުންހުރި ކަމެއް ކަމަށާއި އެ މަސައްކަތް ކުރައްވާއިރު ފަރުވާތެރިކަމާއެކު މަސައްކަތް އަވަހަށް ނިންމާލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ފަންނީގޮތުން ޤާބިލު ތަޖުރިބާކާރު ބޭފުޅުންކަމަށާއި އެބޭފުޅުންނާއި މެދު ފުރިހަމަ އިތުބާރާއި ޔަގީންކަން އެބައޮތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޖަލުތަކުގެ އޯޑިޓެއް ހެދުމަކީ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި އޯޑިޓް ހެދުމުގެ މައިގަނޑު ބޭނުމަކީ، ޖަލުތަކުގެ މިހާރުގެ ހާލަތު ބަލައި އިސްލާހު ކުރަން ހުރި ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވާލުމެވެ. އަދި އެ ރިޕޯޓަށް ރިއާޔަތްކޮށް ޖަލުތަކުގެ ކަންކަން އިސްލާހްކޮށް ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމާއިއެކު ގައިދީންގެ އިންސާނީ ހައްގުތައް ލިބިދެވޭކަން ކަށަވަރު ކޮށްދިނުމެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ

1. އައްޝައިޚް އަޙްމަދު ޢަބްދުލްކަރީމް (ރައީސް)

2. ޑރ. ޢަބްދުﷲ އިސްނީން ހިލްމީ

3. ޝަހިންދާ އިސްމާއިލް

4. އަހުމަދު މުޙައްމަދުފުޅު

5. އަލްއުސްތާޒާ ޒުލައިހާ ދާއޫދު

6. އަލްއުސްތާޒާ ޝާދިޔާ އާދަމް

7. އައިމިނަތު ނާހީން އަހުމަދު