19 Dec 2018, 17:45
އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމުގައްޔާއި މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށް ހުރަސްއަޅާ އެކިއެކި ނުފޫޒުތަކާ ދެކޮޅަށް ތެދުވަންޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ "ކޮންވެންޝަން އޮން ދި އެލެމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އަގައިންސްޓް ވިމެން" (ސީޑޯ) ގެ ދަށުން ދައުލަތުން އދ. އަށް ހުށަހަޅަން ޖެހޭ ހަ ވަނަ ޕީރިއަޑިކް ރިޕޯޓު ވެލިޑޭޓްކުރުމަށްޓަކައި ކަމާ ގުޅުންހުރި ދާއިރާތަކާއެކު ބާއްވާ ވެލިޑޭޝަން ބައްދަލުވުން އިފުތިތާހުކުރުމުގެ ގޮތުން ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިންތީގެ ދައުރާއި މަސްއޫލިއްޔަތުތަކާ މެދު ތަފާތުކުރުމުގެ ވިސްނުމެއް މުޖުތަމަޢުގައި އަދިވެސް ގެންގުޅެމުންދާކަން މިނިސްޓަރުގެ ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިފަދަ ކަންކަން ހައްލުކުރުމަކީ ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޕީރިއަޑިކް ރިޕޯޓު ހުށަހެޅުމަށް ލިބިގެންދާ މުއްދަތަކީ މި ދާއިރާގައި ފާހަގަކުރެވޭ ހުސް ކަންކަން ދެނެގަނެ، މިހާރު ގާއިމުކުރެވިފައިވާ ނިޒާމާއި ހިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކަށް ލިބިގެންދާ ފުރުސަތެއް ކަމަށެވެ.
އަދި މިއަދު މި ބޭއްވޭ ވެލިޑޭޝަން ބައްދަލުވުމުގެ ސަބަބުން މިހާރު އެކުލަވައިލައިފައިވާ ރިޕޯޓަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށްވެސް މިނިސްޓަރު ޝިދާތާ ވިދާޅުވިއެވެ.
ވެލިޑޭޝަން ބައްދަލުވުމުގައި ދައުލަތުގެ އެކި އިދާރާތަކާއި، ސީޑޯގެ ސެކްޓޯރަލް ކޮމިޓީގައި މިނިސްޓްރީތައް ތަމްސީލުކުރައްވާ ބޭފުޅުންނާއި، މިނިސްޓްރީތަކުގެ ޖެންޑަރ ފޯކަލް ޕޮއިންޓަކުގެ އިތުރުން އދގެ އެކިއެކި އޭޖެންސީތަކާއި، ޖަމުޢިއްޔާތައް ހިމެނޭގޮތަށް ޖުމުލަ 72 ފަރާތަކުން ބައިވެރިވެއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ މިހާރު އެކުލަވައިލައިފައިވާ ރިޕޯޓުގައި ހުރި މަޢުލޫމާތުތައް ވެލިޑޭޓްކުރުމާއި ރިޕޯޓުގައި އިތުރަށް ހިމަނަން ޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.
ޑްރާފްޓް ރިޕޯޓު އެކުލަވައިލުމުގައި ކ.ކާށިދޫ، ކ.ގާފަރު، ދ.ކުޑަހުވަދޫ އަދި ދ.ހުޅުދެލީގައި ގާއިމުކުރެވިފައިވާ ގުޅުންހުރި އިދާރާތަކުގެ ވެސް މަޝްވަރާ ހޯދައިފައިވެއެވެ.